Last Updated: July 17, 18:07
Friday, July 17, 2026
ދުނިޔެ

އިޒްރޭލު ބަލިކަށިވެއްޖެ، ހަމާސް ބަލިނުކުރެވޭނެ

އިޒްރޭލު ބަލިކަށިވެފައިވާ ކަމަށާއި ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތް ކުރާ ހަމާސް ޖަމާއަތް ބަލިނުކުރެވޭނެ ކަމަށް ލުބްނާންގެ ހިޒްބުﷲ ޖަމާއަތުން ބުނެފި އެވެ.

އެ ޖަމާއަތުގެ ލީޑަރު ހަސަން ނަސްރުﷲ މިއަދު ވިދާޅުވީ ފާއިތުވި ތަޖުރިބާތަކުން އިޒްރޭލަށް އެއްވެސް ފިލާވަޅެއް ދަސްވެފައި ނުވާ ކަމަށާއި އިޒްރޭލުން ހަދާ އެންމެ ބޮޑު ގޯހަކީ ހާސިލު ނުކުރެވޭ ވަރުގެ ބޮޑެތި އަމާޒުތައް ހާސިލުކުރަން އުޅުން ކަމަށެވެ. އެގޮތުން އިޒްރޭލުން މީގެކުރިން ހިޒްބުﷲ ޖަމާއަތް ދުއްވާލަން އަދި މިހާރު ހަމާސް ޖަމާއަތް އެއްކޮށް ދުއްވާލަން ވެސް އަމާޒު ހިފާފައިވާ ކަމަށާއި ނަމަވެސް އެއީ ކުރެވޭނެ ކަންތައްތަކެއް ނޫން ކަމަށް ނަސްރުﷲ ވިދާޅުވި އެވެ.

ފަލަސްތީނާއި ދެކޮޅަށް ފަށާފައިވާ ހަނގުރާމައިގައި އެމެރިކާ އާއި އެހެނިހެން ހުޅަނގުގެ ގައުމުތަކުގެ އެހީ އިޒްރޭލުން ހޯދަން ޖެހުމަކީ އެގައުމު ބަލިކަށިވެފައިވާ މިންވަރު ހާމަކޮށްދޭ ކަމެއް ކަމަށްވެސް ވިދާޅުވި އެވެ. އަދި އިޒްރޭލަކީ ފައިދިގު މަކުނުގެ ވަލަށް ވުރެ ބަލިކަށި ބައެއްކަން ހާމަވެފައިވާ ކަމަށާއި އިޒްރޭލުގެ މައްޗަށް ކުރި ހޯދައި ގާޒާ މިނިވަން ކުރުމަކީ މުޅި އިސްލާމީ އުއްތަމަށް ލިބޭނެ ކާމިޔާބެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

މީގެއިތުރުން ނަސްރުﷲ ވަނީ ސަރަހައްދި ބޮޑު ހަނގުރާމައެއް ފަށަން ބޭނުން ނުވާނަމަ ހުރިހާ ގައުމުތަކުން ވެސް ހަނގުރާމަ ހުއްޓާލަން ބާރުއަޅަންޖެހޭ ކަމަށްވެސް ވިދާޅުވެފަ އެވެ. އަދި އަރަބި ގައުމުތަކުން އިޒްރޭލަށް ތެލާއި ކާބޯތަކެތި ފޯރުކޮށްދިނުން ވަގުތު ހުއްޓާލުމަށް ވެސް ގޮވާލެއްވި އެވެ.

މިދިޔަ މަހުގެ 7 އިން ފެށިގެން އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި ފަލަސްތީނުން މިހާތަނަށް ވަނީ 9،000 އަށް ވުރެ ގިނަ މީހުން ޝަހީދުވެފަ އެވެ. މީގެތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ.