އިޒްރޭލުން ފަލަސްތީނުގެ ގާޒާގެ އެންމެ ބޮޑު ހޮސްޕިޓަލު ހިމެނޭ ސަރަހައްދަށް ވައިގެ ހަމަލާއެއް ދީފި އެވެ.
އިޒްރޭލުން ވައިގެ ހަމަލާ އަމާޒުކޮށްފައިވަނީ ގާޒާގެ އެންމެ ބޮޑު ހޮސްޕިޓަލު ކަމަށްވާ އަލް ޝިފާ ހޮސްޕިޓަލުގެ މައި ދޮރާށްޓާއި އިޒްރޭލުގެ ހަމަލާތަކުގައި އަނިޔާ ލިބުނު ބަޔަކު ގޮވައިން ނައްޓާލަން އުޅުނު އެމްބިއުލާންސަކަށެވެ.
ފަލަސްތީނުގެ ހެލްތު މިނިސްޓްރީގެ ތަރުޖަމާނު އަލް ގުދްރާ ވިދާޅުވީ އިޒްރޭލުން ހަމަލާދިން އެމްބިއުލާންސްގައި އިޒްރޭލުގެ ހަމަލާތަކުގެ ސަބަބުން ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ގާތްގަނޑަކަށް 20 މީހަކު ތިބި ކަމަށާއި އެ މީހުން އެމްބިއުލާންސުން ދަތުރުކުރަން ހަމަޖެހިފައި އޮތީ ގާޒާގެ ރަފާހް ބޯޑަރު ހުރަސްކުރުމަށްފަހު އިތުރު ފަރުވާ އަށް މިސްރަށް ކަމަށެވެ. އެމީހުން މިސްރަށް ގެންދަން ނިންމީ އެ ހޮސްޕިޓަލުން ފަރުވާ ދެވޭނެ ގޮތެއް ނެތުމުން ކަމަށް ގުދްރާ ވިދާޅުވި އެވެ.
އިޒްރޭލުގެ މި ހަމަލާގައި އެތައް ބަޔަކު ޝަހީދުވެ އަދި އެތައް ސަތޭކަ ބަޔަކަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށް ލަފާކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އިޒްރޭލުގެ ގާޒާ އަށް ދެމުން އަންނަ ހަމަލާތައް ވަރުގަދަކުރަމުން އަންނައިރު، އިޒްރޭލުން އަންނަނީ އާންމުން ގިނަ އަދަދަކަށް ދިރިއުޅޭ ސަރަހައްދުތަކަށް އަމާޒުކޮށްގެން ހަމަލާތައް ދެމުންނެވެ. އެގޮތުން ހޮސްޕިޓަލުތައް ހުންނަ ސަރަހައްދުތަކާއި ރެފިއުޖީ ކޭމްޕުތަކާއި ސްކޫލްތަކަށް ފާއިތުވި ދުވަސްތަކުގައި އިޒްރޭލުން ވަނީ ހަމަލާތައް އަމާޒުކޮށްފަ އެވެ.
މިދިޔަ މަހުގެ 7 އިން ފެށިގެން އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި ފަލަސްތީނުން މިހާތަނަށް ވަނީ 9،000 އަށް ވުރެ ގިނަ މީހުން ޝަހީދުވެފަ އެވެ. މީގެތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ.