Last Updated: July 16, 18:01
Thursday, July 16, 2026
ޚަބަރު

ހިތަދޫ-ހުޅުމީދޫ ބްރިޖުގެ މަސައްކަތް 100 ދުވަސްތެރޭ ފަށަނީ

ވެރިކަމުގެ ފުރަތަމަ 100 ދުވަސްތެރޭ އައްޑޫ ސިޓީ ހިތަދޫ އާއި ހުޅުމީދޫ ދެމެދު އެޅުމަށް ހަމަޖެހިފައިވާ ބްރިޖުގެ މަސައްކަތް ފެށުމަށް ނިންމައިފި އެވެ.

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުން މިކަން ހާމަކުރެއްވީ މިރޭ ޕީޕީއެމް-ޕީއެންސީން ހުޅުމީދޫގައި ބޭއްވި ޖަލްސާގައި އިންތިގާލީ ކޮމިޓީގެ ވެރިޔަކަށް ހަމަޖައްސަވާފައިވާ އަބްދުއްރަހީމް އަބްދުﷲ އެވެ.

އަދުރޭ ވިދާޅުވީ މުއިއްޒު މިވަގުތު ހުންނެވީ ސިންގަޕޫރުގައި ކަމަށާއި އައްޑޫ އަށް ޕީޕީއެމް-ޕީއެންސީގެ ލީޑަޝިޕްގެ ބޭފުޅުން ވަޑައިގަތުމުގެ ކުރިން ފޯނުން ގުޅުއްވާ ހުޅުމީދޫގެ ރައްޔިތުންނަށް އެމަނިކުފާނު ފަރާތްޕުޅުން ހާއްސަ މެސެޖެއް ރައްދުކޮށްދެއްވުމަށް މުއިއްޒު އެދިވަޑައިގެންނެވި ކަމަށެވެ.

"ތިމަންނަގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި އިރާދަކުރެއްވިއްޔާ ބްރިޖުގެ މަސައްކަތް ފެށިގެންދާނެއޭ،" މުއިއްޒުގެ މެސެޖް އިއުލާން ކުރައްވަމުން އަދުރޭ ވިދާޅުވި އެވެ.

ހިތަދޫ އާއި ހުޅުމީދޫ ދެމެދު އެޅުމަށް ހަމަޖެހިފައިވާ ބްރިޖުގެ ސާވޭ އަށް 30 މިލިއަން ރުފިޔާ އަންނަ އަހަރުގެ ބަޖެޓުގައި ވަނީ ހިމަނައިފަ އެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭނުގެ ތެރޭގައި ވެސް އިންތިހާބީ ރައީސް މުއިއްޒު ވަނީ މި ބްރިޖުގެ މަސައްކަތް ވެރިކަމުގެ ފުރަތަމަ އަހަރުތެރޭ ފެށުމަށް ބޭނުންފުޅުވާކަން ހާމަކުރައްވާފަ އެވެ.

ހުޅުމީދު އާއި ހިތަދޫ ބްރިޖަކުން ގުޅައިލާ ވާހަކަ އަކީ އެކިއެކި ރިޔާސީ ކެމްޕޭންތަކުގައި މީގެ ކުރިން ވެސް ބައެއް ރިޔާސީ ކެންޑިޑޭޓުން ދައްކަވާފައިވެ އެވެ. އެގޮތުން މި ބްރިޖްގެ ވާހަކަ އެންމެ ފުރަތަމަ ތިލަކުރެއްވީ 2008 ގެ ރިޔާސީ އިންތިހާބުގެ ކެމްޕޭން ތެރޭގައި އޭރުގެ ރައީސް މައުމޫން އަބްދުލް ގައްޔޫމެވެ.

ރާއްޖޭގައި މިހާތަނަށް ބްރިޖެއް އަޅަން ހިންގި އެންމެ ބޮޑު، ފުރަތަމަ މަޝްރޫއު ހިންގެވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ. އެއީ ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްގެން މާލެ އާއި ހުޅުމާލެ ގުޅާލި ބްރިޖެވެ.

މި ސަރުކާރުން ވެސް މިހާރު އަންނަނީ މާލެ ސަރަހައްދުގައި ބްރިޖެއް އެޅުމުގެ ބިޔަ މަޝްރޫއެއް ހިންގަމުންނެވެ. އެއީ އިންޑިއާގެ އެފްކޮންސްއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ "ތިލަމާލެ" ބްރިޖެވެ.