ފަލަސްތީނުގެ ގާޒާ އަށް ތެޔޮ އެތެރެކުރަން ހުއްދަ ނުދޭނެ ކަމަށް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެއްޖެ އެވެ.
ގާޒާގެ ހޮސްޕިޓަލުތަކަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމަށް ތެޔޮ ބޭނުންވާއިރު، ތެޔޮ ހުސްވުމުގެ ސަބަބުން މިހާރު ވެސް ގާޒާގެ 35 ހޮސްޕިޓަލުގެ ތެރެއިން 16 ހޮސްޕިޓަލެއް ވަނީ ބަންދުކޮށްފަ އެވެ. އޭގެތެރޭގައި ގާޒާގައި ހުރި ހަމައެކަނި ކެންސަރު ހޮސްޕިޓަލު ހިމެނޭއިރު ގާޒާގެ އެންމެ ބޮޑު ހޮސްޕިޓަލު ކަމަށްވާ، އަލް ޝިފާ ހޮސްޕިޓަލް ހުއްޓުމަކާ ގާތަށް މިހާރު ވަނީ ގޮސްފަ އެވެ.
ގައުމާ މުހާތަބު ކުރައްވަމުން ނަތަންޔާހޫ ވިދާޅުވީ ގާޒާ އަށް ތެޔޮ އެތެރެކުރަން އިޒްރޭލުން ހުއްދަ ނުދޭނެ ކަމަށާއި އަދި ގާޒާ އަށް ފައިސާ ފޮނުވަން ވެސް ދެކޮޅު ހަދާނެ ކަމަށެވެ. އަދި ހަމާސް ޖަމާއަތުން ރަހީނުކޮށްފައިވާ އިޒްރޭލު ރައްޔިތުން ދޫކޮށްނުލަނީސް ހަނގުރާމަ ނުހުއްޓާނެ ކަމަށާއި އިޒްރޭލު ނެތިކޮށްލަން ދުޝްމަނުން ކުރާ މަސައްކަތް ނާކާމިޔާބުކޮށްލާނެ ކަމަށެވެ.
ހަމާސް ޖަމާއަތް އެއްކޮށް ބަލިކުރުމަށްފަހު އިޒްރޭލު ނުހުއްޓާނެ ކަމަށާއި ސަރަހައްދުގެ އެހެން ގައުމުތަކުން ހަނގުރާމައިގެ ތެރެއަށް މިވަގުތު ވަނުމަކީ ހަދާނެ ބޮޑު ގޯހެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ. އެގޮތުން ހަނގުރާމައިގެ ތެރެއަށް އޭގެއިން ގައުމަކުން ވަދެއްޖެނަމަ ދައްކަންޖެހޭ އަގު އަންދާޒާ ވެސް ނުކުރެވޭނެ ކަމަށް ނަތަންޔާހޫ ވިދާޅުވި އެވެ.
އިޒްރޭލުގެ ގާޒާ އަށް ދެމުން އަންނަ ހަމަލާތައް ވަރުގަދަކުރަމުން އަންނައިރު، އިޒްރޭލުން އަންނަނީ އާންމުން ގިނަ އަދަދަކަށް ދިރިއުޅޭ ސަރަހައްދުތަކަށް އަމާޒުކޮށްގެން ހަމަލާތައް ދެމުންނެވެ. އެގޮތުން ހޮސްޕިޓަލުތައް ހުންނަ ސަރަހައްދުތަކާއި ރެފިއުޖީ ކޭމްޕުތަކާއި ސްކޫލްތަކަށް ފާއިތުވި ދުވަސްތަކުގައި އިޒްރޭލުން ވަނީ ހަމަލާތައް އަމާޒުކޮށްފަ އެވެ.