ފަލަސްތީނުގެ ގާޒާގެ ސްކޫލަކަށް އިޒްރޭލުން ވައިގެ ހަމަލާއެއްދީ 20 މީހަކު ޝަހީދުކޮށްލައިފި އެވެ.
އިޒްރޭލުން ވައިގެ ހަމަލާ ދިނީ ގާޒާގެ އުތުރުގައި ހުންނަ އޮސާމާ ބިން ޒައިދު ސްކޫލަށެވެ. އެ ސްކޫލްގައި މިވަގުތު ބޭނުން ކުރަމުން ގޮސްފައިވަނީ ގެދޮރު ދޫކޮށްދިޔަ މީހުން ތިބޭނެ ވަގުތީ ހިޔާއެއްގެ ގޮތުގަ އެވެ.
ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ބުނީ މި ހަމަލާގައި 20 މީހަކު ޝަހީދުކޮށްލާފައިވާއިރު އެތައް ސަތޭކަ ބަޔަކަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށެވެ.
އިޒްރޭލުން އިއްޔެ ވަނީ ގާޒާގެ އެންމެ ބޮޑު ހޮސްޕިޓަލު ކަމަށްވާ، އަލް ޝިފާ ހޮސްޕިޓަލު ހުންނަ ސަރަހައްދަށާއި އިޒްރޭލުން މީގެކުރިން ދިން ހަމަލާތަކެއްގައި އަނިޔާ ލިބުނު މީހުންނާއެކު މިސްރަށް ދިޔުމަށް ތައްޔާރުވެފައި އޮތް އެމްބިއުލާންސަކަށް އަމާޒުކޮށް ވެސް ވައިގެ ހަމަލާއެއް ދީފަ އެވެ. އިޒްރޭލުން ބުނީ އެމްބިއުލާންސަށް ހަމަލާދިނީ ހަމާސް ޖަމާއަތުން ބޭނުން ކުރާ އެއްޗެއް ކަމަށް ބުނެ އެވެ.
އިޒްރޭލުގެ ގާޒާ އަށް ދެމުން އަންނަ ހަމަލާތައް ވަރުގަދަކުރަމުން އަންނައިރު، ގާޒާގެ ގިނަ ހޮސްޕިޓަލުތައް ހުއްޓުމަކަށް އައުމުގެ ބިރާއި ވަނީ ކުރިމަތިލާންޖެހިފަ އެވެ. ގާޒާގެ ހޮސްޕިޓަލުތަކަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމަށް ތެޔޮ ބޭނުންވާއިރު، ތެޔޮ ހުސްވުމުގެ ސަބަބުން މިހާރު ވެސް ގާޒާގެ 35 ހޮސްޕިޓަލުގެ ތެރެއިން 16 ހޮސްޕިޓަލެއް ވަނީ ބަންދުކޮށްފަ އެވެ.
އިޒްރޭލުން ގާޒާ އަށް އިންސާނީ އެހީ ފޯރުކޮށްދޭން ހުއްދަ ދީފައިވީ ނަމަވެސް ތެޔޮ އެތެރެކުރަން ހުއްދަ ދޭން ވަނީ ދެކޮޅު ހަދާފަ އެވެ.