Last Updated: July 17, 18:07
Friday, July 17, 2026
ދުނިޔެ

ގާޒާއިން ކޮންމެ ދުވަހަކު 420 ކުދިން ޝަހީދުވޭ

ފަލަސްތީނުގެ ގާޒާ އިން ކޮންމެ ދުވަހަކު 420 ކުދިން ޝަހީދުވާ ކަމަށް ފަލަސްތީން ރެފިއުޖީންނަށް ހާއްސަ އދ. ގެ އެޖެންސީން (ޔޫއެންއާރްޑަބްލިއުއޭ) އިން ބުނެފި އެވެ.

ޔޫއެންއާރްޑަބްލިއުއޭ އިން ބުނީ ގާޒާ އިން މިހާތަނަށް 3،760 ކުދިން ޝަހީދުކޮށްލާފައިވާ ކަމަށާއި މީގެ މާނައަކީ ގާޒާ އިން ކޮންމެ ދުވަހަކު 420 ކުދިން ޝަހީދުވެ، އަނިޔާވާ ކަމަށެވެ. އަދި ގާޒާގައި ގާތްގަނޑަކަށް މާބަނޑު 50،000 އަންހެނުން ތިބިއިރު އޭގެތެރެއިން ކޮންމެ ދުވަހަކު 180 އަށް ވުރެ ގިނަ މީހުން ވިހާ ކަމަށް ބުނެފައިވެ އެވެ.

މާބަނޑު މީހުންގެ ތެރެއިން 15 ޕަސެންޓް މީހުންނަށް ވިހެއުމުގެ ތެރޭގައި ތަފާތު އެކި މައްސަލަ ދިމާވާނެ ކަމަށް ބެލެވޭ ކަމަށާއި އަދި ހޮސްޕިޓަލުތަކުގައި އެކަށީގެންވާ ވަސީލަތްތައް ނެތުމުގެ ސަބަބުން ވިހެއުމުގެ ތެރޭގައި މަރުވާ ކުދިންގެ އަދަދު ގިނަވުމަކީ އެކަށީގެންވާ ކަމެއް ކަމަށްވެސް އެ އެޖެންސީން ބުނެ އެވެ.

އިޒްރޭލުގެ ގާޒާ އަށް ދެމުން އަންނަ ހަމަލާތައް ވަރުގަދަކުރަމުން އަންނައިރު، ގާޒާގެ ގިނަ ހޮސްޕިޓަލުތައް ހުއްޓުމަކަށް އައުމުގެ ބިރާއި ވަނީ ކުރިމަތިލާންޖެހިފަ އެވެ. ގާޒާގެ ހޮސްޕިޓަލުތަކަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމަށް ތެޔޮ ބޭނުންވާއިރު، ތެޔޮ ހުސްވުމުގެ ސަބަބުން މިހާރު ވެސް ގާޒާގެ 35 ހޮސްޕިޓަލުގެ ތެރެއިން 16 ހޮސްޕިޓަލެއް ވަނީ ބަންދުކޮށްފަ އެވެ.

އިޒްރޭލުން ގާޒާ އަށް އިންސާނީ އެހީ ފޯރުކޮށްދޭން ހުއްދަ ދީފައިވީ ނަމަވެސް ތެޔޮ އެތެރެކުރަން ހުއްދަ ދޭން ވަނީ ދެކޮޅު ހަދާފަ އެވެ.

މިދިޔަ މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި ފަލަސްތީނުން މިހާތަނަށް ވަނީ 9،000 އަށް ވުރެ ގިނަ މީހުން ޝަހީދުވެފަ އެވެ.