Last Updated: May 9, 14:09
Friday, May 9, 2025
ކުޅިވަރު

ފަލަސްތީނަށް ތާއީދުކުރުމުން ކޮންޓްރެކްޓް އުވާލައިފި

ފަލަސްތީނަށް ތާއީދުކޮށް ކުރި ޕޯސްޓަކާ ގުޅިގެން ޖަރުމަނުގެ މެއިންޒަށް ކުޅެމުން އަންނަ ނެދަލޭންޑްސްގެ ފޯވާޑް އަންވަރު އެލް ގާޒީގެ ކޮންޓްރެކްޓް އެ ކްލަބުން އުވާލައިފި އެވެ.

ފަލަސްތީނަށް ތާއީދުކޮށް އެލް ގާޒީ "އިންސްޓަގްރާމް"ގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އެންމެންގެ ލޯ ކުރިމަތީގައި ހިނގަމުންދަނީ ބޮޑު ގަތުލުއާއްމެއް ކަމަށާއި މިއީ ހަނގުރާމައެއް ނޫން ކަމަށެވެ. އަދި ފަލަސްތީނު މިނިވަންކަމަށް ތާއީދުކުރާ ކަމަށްވެސް އެ ޕޯސްޓުގައި އެލް ގާޒީ ވަނީ ބުނެފަ އެވެ.

ނަމަވެސް ފަހުން އޭނަ ވަނީ އެ ޕޯސްޓު ޑިލީޓްކޮށްލާފަ އެވެ.

އެ ޕޯސްޓާއި ގުޅިގެން އެލް ގާޒީ ސަސްޕެންޑް ކުރިއިރު މެއިންޒުން އިއްޔެ ނެރުނު ބަޔާނެއްގައި ވަނީ އެލް ގާޒީގެ ކޮންޓްރެކްޓް އުވާލާފައިވާކަން ހާމަކޮށްފަ އެވެ. އެ ބަޔާނުގައި ބުނީ އެލް ގާޒީގެ ކޮންޓްރެކްޓް އުވާލީ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓަކާއި އަދި ދެއްކި ވާހަކަތަކާ ގުޅިގެން ކަމަށެވެ. އެކަމާ ގުޅޭ އިތުރު އެއްވެސް ތަފްސީލެއް ދީފައެއް ނުވެ އެވެ.

މެއިންޒުގެ މި ނިންމުމާ ގުޅިގެން އެލް ގާޒީ ބުނީ އޭނާގެ ވަޒީފާ ގެއްލުމަކީ ގާޒާގައި މިހާރު ހިންގާ ޖަރީމާތަކާ އެއްވަރު ކުރެވޭނެ ކަންތައްތަކެއް ނޫން ކަމަށެވެ. އަދި އެކަނި ހުންނަން ޖެހުނަސް ހުންނާނީ ރަނގަޅު މަގުގައި ކަމަށްވެސް އެލް ގާޒީ ބުނެފައިވެ އެވެ.

އެލް ގާޒީ ،28، މެއިންޒާއި ގުޅުނީ މިދިޔަ މަހުގެ ތެރޭގައި ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އޭނާ ވަނީ ޖަރުމަނު ލީގުގައި މިހާތަނަށް އެ ކްލަބަށް ތިން މެޗު ކުޅެދީފަ އެވެ.

މެއިންޒް މި ވަގުތު އޮތީ ޖަރުމަނު ލީގުގެ ފުލުގަ އެވެ.