Last Updated: June 13, 02:24
Saturday, June 13, 2026
ޚަބަރު

ފަލަސްތީނު ފަންޑަށް 28 މިލިއަން ރުފިޔާ

ފަލަސްތީނަށް އެހީވާން އިިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) ގެ ރާއްޖެ ގޮފިން ހުޅުވާފައިވާ ފަންޑަށް މިހާތަނަށް 28 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިއްޖެ އެވެ.

އެ ޖަމާއަތުން ބުނީ އިއްޔެގެ ނިޔަލަށް ދިވެހި ރުފިޔާ އިން ފަންޑަށް ލިބުނު ޖުމްލަ އަދަދަކީ 28،027،420.14ރ. ކަމަށެވެ. މީގެ އިތުރުން ފަންޑަށް ޑޮލަރުގެ ގޮތުގައި ޖުމްލަ 17،300.50 ޑޮލަރު ލިބިފައިވެ އެވެ. ދިވެހިންގެ ފަރާތުން ލިބޭ މި އެހީން އައިއޭސީން އަންނަނީ ފަލަސްތީންގެ ރައްޔިތުންނަށް މި ވަގުތު އެންމެ މުހިއްމުވާ އަސާސީ ހިދުމަތްތައް ފޯރުކޮށް ދޭން ބޭނުން ކުރަމުންނެވެ.

ފަލަސްތީނަށް އެހިވާން އައިއޭސީން ރާއްޖޭގައި ފަންޑް އެއްކުރަން ފެށީ މިދިޔަ މަހުގެ 7 ގައި އިޒްރޭލުން ދޭން ފެށި ހަމަލާތަކާ ގުޅިގެންނެވެ. އެކަމަކު އޭގެ ކުރިން ވެސް ދިވެހިންގެ ފަރާތުން އައިއޭސީ އަށް ލިބޭ އެހީތަކުން ފަލަސްތީނުގެ ރައްޔިތުންނަށް ތަފާތު އެހީތައް ފޯރުކޮށް ދެމުން ގޮސްފައިވެ އެވެ.

ފަލަސްތީނު މިހާރު އޮތް ނާމާން ބިރުވެރި އަދި ހިތްދަތި ހާލަތާ ގުޅިގެން، އެ ގައުމުން އެހީވާން ރާއްޖޭގެ އެކި ހިސާބުތަކުގައި އެކި ފެންވަރުގައި އަންނަނީ ފަންޑް ރެއިޒިން ހަރަކާތްތައް ބާއްވަމުންނެވެ.

އިޒްރޭލުން ހުއްޓުމެއް ނެތި ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކާ ގުޅިގެން ޝަހީދުވި މީހުންގެ އަދަދު މިހާރު ވަނީ 10،000 އާ ގާތްކޮށްފަ އެވެ. މީގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ.