Last Updated: July 23, 18:20
Friday, July 24, 2026
މުނިފޫހިފިލުވުން

"ޑަންކީ" އަކީ އަހަރެންގެ މި އަހަރުގެ މޮޅު ފިލްމު

އަންނަ މަހު ރިލީޒްކުރާ "ޑަންކީ" މި އަހަރު ރިލީޒްވާ އޭނަގެ އެންމެ މޮޅު ފިލްމަށް ވާނެ ކަމަށް އެކްޓަރު ޝާހްރުކް ޚާން ބުނެފި އެވެ.

އޭނަގެ 58 ވަނަ އުފަން ދުވަހާ ދިމާކޮށް، ބުރާސްފަތި ދުވަހު ފިލްމުގެ ޓްރެއިލާ ވެސް އާންމުކޮށްފައިވާ އިރު، އުފަން ދުވަސް ފާހަގަކުރަން ބޭއްވި ހަފުލާގައި ޝާހްރުކް ބުނީ "ޑަންކީ" އަކީ މި އަހަރު އޭނަގެ "ބެސްޓް ފިލްމު" ކަމަށާއި އޭގައި ސަބަބުތަކެއް ވެސް އެބަހުރި ކަމަށެވެ.

"މީގެ އެންމެ ހާއްސަ ކަމަކީ މީގެ ސާދާ ސްޓޯރީލައިނާ އެކީ ވަރަށް މުހިއްމު އިޝޫއަކަށް އަލިއަޅުވާލެވިފައިވުން،" ހިޖުރަކުރުމާ ގުޅޭ ގޮތުން ހަދާފައިވާ ސޯޝަލް ކޮމެޑީއާ ބެހޭ ގޮތުން ޝާހްރުކް ބުންޏެވެ. "ދެން މީގެ ކޮންމެ ކެރެކްޓާ އަކީ ވާހަކަ ވަރަށް ރީއްޗަށް ކުރިއަށް ގެންގޮސްދޭނެ ކެރެކްޓާއެއް. ޑަންކީ ހާއްސަވާ މުހިއްމު އަނެއް ސަބަބަކީ ވަރަށް ގިނަ ދުވަސް ފަހުން އަހަރެންގެ ޓިޕިކަލް ލޯބީގެ ޕޯޝަނެއް ވެސް މީގައި ހިމެނޭތީ. ވަރަށް ރީއްޗަށް އެ ބައި ޑައިރެކްޓަރު އޮތީ ޕްރެންޒެންޓްކޮށް ދީފައި."

"ޑަންކީ" އަކީ ކުޅަދާނަ ޑައިރެކްޓަރު ރާޖްކުމާރު ހިރާނީގެ ފިލްމެކެވެ. އޭނަ އަކީ ކާމިޔާބު ފިލްމުތައް ކަމަށްވާ "މުންނާބާއީ" އާއި 3 އިޑިއަޓްސް" އާއި "ޕީކޭ" އަދި "ސަންޖޫ" ގެނެސްދިން ޑައިރެކްޓަރެވެ.

ޝާހްރުކް ބުނީ "ޑަންކީ" އަކީ ހިރާނީގެ ވަރަށް މޮޅު މަސައްކަތްތަކެއް ފެންނާނެ ފިލްމެއް ކަމަށާއި މިއީ ބެލުންތެރިން ހެއްވާލައި ރޮއްވައިލާނެ ފިލްމެއް ކަމަށެވެ. މި ފިލްމަކީ ހިރާނީއާ އެކީ ޝާހްރުކް މަސައްކަތްކުރި ފުރަތަމަ ފިލްމެވެ.

އަންނަ މަހުގެ 21 ގައި ގެނެސްދޭ ފިލްމުގެ ކާސްޓްގައި ތާޕްސީ ޕައްނޫ، ބޮމަން އިރާނީ، ސަތިޝް ޝާހް، ދިއާ މިރްޒާ، ދަރުމެންދުރާގެ އިތުރުން ހާއްސަ ފެނިލުމެއްގައި ވިކީ ކޯޝަލް ވެސް ހިމެނެ އެވެ.

"ޑަންކީ" އަކީ މި އަހަރު ރިލީޒްވާ ޝާހްރުކްގެ ތިން ވަނަ ފިލްމެވެ. ފުރަތަމަ ފިލްމަކީ ޖެނުއަރީގައި ރިލީޒްކޮށް، ބޮކްސް އޮފީހުގައި މިލިއަން 130 މިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދި "ޕަތާން" އާއި ސެޕްޓެމްބަރުގައި ރިލީޒްކޮށް، 140 މިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދި "ޖަވާން" އެވެ.