Last Updated: June 13, 02:24
Saturday, June 13, 2026
ޚަބަރު

ސްރީ ލަންކަން އެއާލައިންސް ވިއްކާލަނީ

ސްރީ ލަންކަން އެއާލައިންސްގެ ބޯޓެއް ގަން އެއާޕޯޓްގައި. ފޮޓޯ/އޭއައިއޭ

ސްރީ ލަންކަން އެއާލައިންސް ވިއްކާލަން ނިންމައި ބީލަމަށް ހުޅުވާލައިފި އެވެ.

ރާއްޖެ އަށް ވެސް ދަތުރުކުރާ ލަންކާގެ ގައުމީ އެއާލައިން ވިއްކައިލަން ނިންމީ ގެއްލުމުގައި ހިންގަން ޖެހިފައިވާތީ އެވެ. އެހެންވެ އެ އެއާލައިން ގަނެ، މެނޭޖްކޮށް، އޮޕަރޭޓްކުރަން ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށް ލަންކާގެ ޕޯޓްސް، ޝިޕިން އެންޑް އޭވިއޭޝަން މިނިސްޓަރު ނިމާލް ސިރީޕާލާ ޑި ސިލްވާ މިދިޔަ ހަފުތާގެ ފަހުކޮޅު ވިދާޅުވި އެވެ.

އޭނަ ވިދާޅުވީ ބީލަން ހުށަހަޅަން ދީފައި ވަނީ 45 ދުވަހުގެ މުއްދަތެއް ކަމަށެވެ.

ސްރީ ލަންކަން އެއާލައިންސް ގެއްލުމުގައި ހިންގާތާ އަހަރުތަކެއްވެފައިވާ އިރު، އެ އެއާލައިންގެ ދަރަނި މިހާރު 1.2 ބިލިއަން ޑޮލަރަށް އަރަ އެވެ. އެއާލައިނަށް ގެއްލުންވަމުން ދާތީ ހަރަދުތައް ކުޑަކުރުމުގެ ގޮތުން މި ފަހުން 6،000 އެއްހާ މުވައްޒަފުން ވެސް މަދުކޮށްފައިވެ އެވެ.

ސްރީ ލަންކަން އެއާލައިންސް ވިއްކައިލަން ނިންމި އިރު، މި އެއާލައިންސް ކުރިން އެމިރޭޓްސް ދަށުން ވެސް ހިންގި އެވެ. އެއީ 1998-2008 އަށެވެ. އޭގެ ފަހުން ލަންކާ ސަރުކާރުން އަލުން އެއާލައިންގެ ހިއްސާ ގަނެ، ގައުމީ އޮޕަރޭޓްކުރަން ފެށީ އެވެ.

މި އެެއާލައިންސް ވުޖޫދަށް އައީ މީގެ 43 އަހަރު ކުރިން 1979 ގަ އެވެ. ފްލީޓްގައި މިހާރު 22 ބޯޓް އޮތް ސްރީ ލަންކަން އެއާލައިންސް 112 މަންޒިލަކަށް ދަތުރުކުރެ އެވެ.