ހޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރި، އާނޯލްޑް ޝްވެޒްނެގާ ދުއްވި ކާރެއް ބައިސްކަލަކާ އެކްސިޑެންޓްވި މައްސަލާގައި ދައުވާކޮށްފި އެވެ.
ޓީއެމްއެޒީން ރިޕޯޓްކޮށްފައިވާ ގޮތުގައި މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި އެމެރިކާގެ ލޮސް އެންޖެލިސްގައި ހިނގި މި ހާދިސާގައި އާނޯލްޑް ދުއްވި އެސްޔޫވީ ކޮންޓްރޯލް ނައްޓާލައިގެން ގޮސް ބައިސްކަލެއްގައި ދިޔަ ޖޮއާން ފްލިކިންޖާ ކިޔާ އަންހެނެއްގެ ގައިގައި ޖެހި އެ މީހާ އަށް އެކި ވަރުގެ އަނިޔާވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާ ވެސް ދިނެވެ.
މި މައްސަލާގައި އޭނަ އާނޯލްޑް، 76، އަށް ކުރި ދައުވާގައި ބުނެފައި ވަނީ އެކްސިޑެންޓްވީ އާނޯލްޑްގެ ފަރުވާކުޑަކަމުން ކަމަށާއި އޭނަ ސަމާލުކަން ނުދީ ކާރު ދުއްވާފައި ވަނީ ވަރަށް ބާރަށް ކަމަށެވެ.
ޖޮއާން ބުނި ގޮތުގައި އެކްސިޑެންޓްގައި އޭނަ އަށް ސީރިއަސް އަނިޔާތަކެއް ލިބުނެވެ. މި ހާދިސާގައި ބައިސްކަލަށް ލިބުނު ގެއްލުންތައް އާނޯލްޑް މަރާމާތުކޮށް ދީފައިވެ އެވެ.
"ޓާމިނޭޓާ" ފަދަ ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ އަދި ފޮލޮރިޑާގެ ގަވަރުނަރުކަން ވެސް ކޮށްފައިވާ އާނޯލްޑް މިދިޔަ އަހަރު ވެސް އެކްސިޑެންޓެއްވެފައިވެ އެވެ. އެ ފަހަރު އޭނަ ދުއްވި ކާރު، ކާރުތަކެއްގައި ޖެހި އަންހެނަކަށް އަނިޔާވި އެވެ.