އިޒްރޭލުން ދެމުންދާ ހަމަލާތަކާ ގުޅިގެން ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ ރައްޔިތުންނަށް އެހީވާން ޖަޕާނުން 65 މިލިއަން ޑޮލަރުގެ އެހީއެއް ދިނުމަށް ނިންމައިފި އެވެ.
ޖަޕާނުގެ ހާރިޖީ ވަޒީރު ޔޯކޯ ކަމިކަވާ މިކަން އިއުލާން ކުރެއްވީ ފަލަސްތީނުން ކަނޑައަޅާފައި ހުންނަ އދ.ގެ ސަފީރު ރިޔާދު މަންސޫރާއެކު ބޭއްވި ބައްދަލުކުރެއްވުމުގަ އެވެ.
ކަމިކަވާ ވިދާޅުވީ މި އެހީ އަކީ ފަލަސްތީނު ރައްޔިތުންގެ އެކި ބޭނުންތަކަށް ދިން އެހީއެއް ކަމަށާއި އާންމުންނާއި ދެކޮޅަށް ދެމުންދާ ހަމަލާތައް ޖަޕާނުން ކުށްވެރިކުރާ ކަމަށެވެ. އަދި ފަލަސްތީނާއި، އިޒްލޭރަކީ ވަކި ދެ ދައުލަތެއްގެ ގޮތުގައި ގާއިމުކުރުމުގެ މަސައްކަތަށް ޖަޕާނުން އަބަދުވެސް ތާއީދުކުރާނެ ކަމަށް ކަމިކަވާ ވިދާޅުވި އެވެ.
ޖަޕާނުން މީގެކުރިން ވެސް ވަނީ ގާޒާ އަށް 10 މިލިއަން ޑޮލަރުގެ އެހީއެއް ދިނުމަށް ނިންމާފަ އެވެ.
އިޒްރޭލުގެ ގާޒާ އަށް ދެމުން އަންނަ ހަމަލާތައް ވަރުގަދަކުރަމުން އަންނައިރު، އިޒްރޭލުން އަންނަނީ އާންމުން ގިނަ އަދަދަކަށް ދިރިއުޅޭ ސަރަހައްދުތަކަށް އަމާޒުކޮށްގެން ހަމަލާތައް ދެމުންނެވެ. އެގޮތުން ހޮސްޕިޓަލުތައް ހުންނަ ސަރަހައްދުތަކާއި ރެފިއުޖީ ކޭމްޕުތަކާއި ސްކޫލްތަކަށް ފާއިތުވި ދުވަސްތަކުގައި އިޒްރޭލުން ވަނީ ހަމަލާތައް އަމާޒުކޮށްފަ އެވެ.
މިދިޔަ މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި ފަލަސްތީނުން މިހާތަނަށް ވަނީ 9،000 އަށް ވުރެ ގިނަ މީހުން ޝަހީދުވެފަ އެވެ.