އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންތާހޫގެ އިސްތިއުފާ އަށް ގޮވާލާ އިޒްރޭލުގައި މުޒާހަރާއެއް ބާއްވައިފި އެވެ.
މި މުޒާހަރާ ބާއްވާފައިވަނީ ޖެރޫސަލަމްގައި ހުންނަ ނަތަންޔާހޫގެ ގެކޮޅުގެ ބޭރުގަ އެވެ. ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވި މި މުޒާހަރާގައި ވަނީ ނަތަންޔާހޫގެ މަގާމުން އިސްތިއުފާ ދިނުމަށާއި އޭނާ ޖަލަށްލާން ގޮވާލާ ޝުއޫރުތައް ފާޅުކޮށްފަ އެވެ. އަދި ފަލަސްތީނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ހުއްޓާލައި ހަމާސް ޖަމާއަތުގެ ބެލުމުގެ ދަށުގައިވާ އިޒްރޭލު ރައްޔިތުން އަނބުރާ ގައުމަށް ގެނެސްދޭން ވެސް މުޒާހަރާގެ ބައިވެރިން ވަނީ އިޒްރޭލު ސަރުކާރަށް ގޮވާލާފަ އެވެ.
މިދިޔަ މަހުގެ 7 ވަނަ ދުވަހު ހަމާސް ޖަމާއަތުން ކުއްލި ގޮތަކަށް އިޒްރޭލަށް ދިން ހަމަލާއާއެކު ނަތަންޔާހޫގެ މަގުބޫލުކަން އިޒްރޭލުގައި ވަނީ ބޮޑުތަނުން ދަށަށް ގޮސްފަ އެވެ. އެގޮތުން އިޒްރޭލުގެ އިންޓެލިޖެންސް ފެއިލްވުމުގެ ޒިންމާ ނަގަން ނަތަންޔާހޫ ދެކޮޅު ހަދަމުންދާއިރު އިޒްރޭލު ރައްޔިތުން އެކަމުގެ ޒިންމާ އެންމެ ބޮޑަށް އަޅުވަމުންދަނީ ނަތަންޔާހޫގެ ބޮލުގަ އެވެ.

ހަނގުރާމަ ހުއްޓާލުމުގެ ބަދަލުގައި އިޒްރޭލުގެ ފަލަސްތީނުގެ ގާޒާ އަށް ދެމުން އަންނަ ހަމަލާތައް އަންނަނީ ވަރުގަދަކުރަމުންނެވެ. އިޒްރޭލުން އަންނަނީ އާންމުން ގިނަ އަދަދަކަށް ދިރިއުޅޭ ސަރަހައްދުތަކަށް އަމާޒުކޮށްގެން ވެސް ހަމަލާތައް ދެމުންނެވެ. އެގޮތުން ހޮސްޕިޓަލުތައް ހުންނަ ސަރަހައްދުތަކާއި ރެފިއުޖީ ކޭމްޕުތަކާއި ސްކޫލްތަކަށް ފާއިތުވި ދުވަސްތަކުގައި އިޒްރޭލުން ވަނީ ހަމަލާތައް އަމާޒުކޮށްފަ އެވެ.
އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި ފަލަސްތީނުން މިހާތަނަށް ވަނީ 9،000 އަށް ވުރެ ގިނަ މީހުން ޝަހީދުވެފަ އެވެ.