Last Updated: July 15, 10:10
Wednesday, July 15, 2026
ކުޅިވަރު

ނަތަންޔާހޫއާ ވާހަކަ ދެއްކުން ދެން ނިމުނީ

އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ ވާހަކަދެއްކުން ދެން ނިމުނީ ކަމަށް ތުރުކީގެ ރައީސް ތައްޔިބް އުރުދުގާން ވިދާޅުވެއްޖެ އެވެ.

ކަޒަކްސްތާނަށް ކުރެއްވި ދަތުރުފުޅަށްފަހު އެނބުރި ތުރުކީ އަށް ވަޑައިގެން ނޫސްވެރިންނާ ވާހަކަދައްކަވަމުން އުރުދުގާން ވިދާޅުވީ ނަތަންޔާހޫއާ އަކީ ވާހަކަ ދެއްކޭ ވަރުގެ މީހެއް ނޫން ކަމަށާއި އޭނާއާ ވާހަކަ ދެއްކުން މިހާ ހިސާބުން ނިމުނީ ކަމަށެވެ. އަދި އިޒްރޭލުން ފަލަސްތީނުގެ ގާޒާގައި މިހާރު ހިންގާ ޖަރީމާތަކުގެ މައްސަލަތައް އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް (އައިސީސީ) އަށް ހުށަހަޅަން ތާއީދުކުރާ ކަމަށާއި އެކަމުގައި އަމިއްލަ އަށް އިސްނަގައިގެން ތުރުކީން މަސައްކަތް ކުރާނެ ކަމަށް ވިދާޅުވި އެވެ.

"އެކަން އަހަރުމެންގެ ކަމާބެހޭ އިދާރާތަކުން ހާއްސަކޮށް ހާރިޖީ ވުޒާރާ އިން ކުރިއަށް ގެންދާނެ،" އުރުދުގާން ވިދާޅުވި އެވެ.

އިޒްރޭލުން ހިންގާ ޖަރީމާތަކާ ގުޅިގެން ތުރުކީން އިއްޔެ ވަނީ އެގައުމުން އިޒްރޭލަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވެސް އަނބުރާ ގައުމަށް ގެނެސްފަ އެވެ.

އިޒްރޭލުގެ ގާޒާ އަށް ދެމުން އަންނަ ހަމަލާތައް ވަރުގަދަކުރަމުން އަންނައިރު، އިޒްރޭލުން އަންނަނީ އާންމުން ގިނަ އަދަދަކަށް ދިރިއުޅޭ ސަރަހައްދުތަކަށް އަމާޒުކޮށްގެން ހަމަލާތައް ދެމުންނެވެ. އެގޮތުން ހޮސްޕިޓަލުތައް ހުންނަ ސަރަހައްދުތަކާއި ރެފިއުޖީ ކޭމްޕުތަކާއި ސްކޫލްތަކަށް ފާއިތުވި ދުވަސްތަކުގައި އިޒްރޭލުން ވަނީ ހަމަލާތައް އަމާޒުކޮށްފަ އެވެ.

މިދިޔަ މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި ފަލަސްތީނުން މިހާތަނަށް ވަނީ 9،000 އަށް ވުރެ ގިނަ މީހުން ޝަހީދުވެފަ އެވެ.