އެއްވެސް ބަޔަކަށް ނުދައްކަން ދަރިފުޅު ފޮރުވައިގެން އުޅެނީ ނޫން ކަމަށާއި ބޭނުމެއް ނެތް ސަމާލުކަން ތުއްތު ކުއްޖަކަށް ލިބުމަކީ މުހިއްމު ކަމެއް ނުދެކެނީ ކަމަށް ބަތަލާ އާލިއާ ބަޓް ބުނެފި އެވެ.
އާލިއާ އާއި ރަންބީރުގެ ފުރަތަމަ ދަރިފުޅު ރާހާ ކަޕޫރަށް މާދަމާ އަހަރެއްހާ ފުރޭ އިރު، މިހާތަނަށް އެ ކުއްޖާގެ މޫނު މީޑިއާތަކަށް ދައްކައިފައެއް ނުވެ އެވެ. އެހެންވެ ކެމެރާގެ ލެންސަށް ދަރިފުޅު މޫނު މިހާތަނަށް އަރާފައި ނުވާތީ ދަރިފުޅު ފޮރުވައިގެން އުޅެނީތޯ، އިއްޔެ މުމްބާއީގައި ބޭއްވި އިވެންޓެއްގައި ސުވާލު ކުރުމުން އާލިއާ ވަނީ މައެއްގެ ހައިސިއްޔަތުން އޭގެ ސަބަބު ވަރަށް ތަފުސީލުކޮށް ކިޔައި ދީފަ އެވެ.
ހުނަރުވެރި، ޒުވާން ބަތަލާ ބުނީ ދަރިފުޅު އެއްގޮތަކަށް ވެސް ފޮރުވައިގެން އުޅެނީ ނޫން ކަމަށެވެ. އެކަމަކު އޭނަ އާއި ރަންބީރަކީ އާ މައިންބަފައިންނަށްވެފައި، ކުއްޖާ މީޑިއާތަކަށް "އިޝްތިހާރުކުރަން ހިތް ގަބޫލު ނުވަނީ" ކަމަށް ބުންޏެވެ.
"އަދި ހަމަ ވަރަށް ތުއްތު ކުއްޖެއް އެއީ. އެހެންވީމަ ޕަޕަރާޒިންގެ ކެމެރާތަކުގެ ލެންސް ދަރިފުޅަށް ފޯކަސްވެ، ބޭނުމެއް ސަމާކުލަން ހޯދުމަކީ ހަގީގަތުގައި އެހާ ތުއްތު ކުއްޖަކަށް މުހިއްމު ކަމެއް ނޫން،" މި އަހަރު ނެޝަނަލް އެވޯޑް ވެދސް ލިބުނު ބަތަލާ ބުންޏެވެ. "އަހަންނާއި ރަންބީރް ވެސް ދެކެނީ އެގޮތަށް."
އާލިއާ ބުނި ގޮތުގައި ކުއްޖާ މީޑިއާތަކަށް ފެންނަން ވަގުތު ޖެހުނީމަ އެކަން ވާނެ އެވެ. އަދި ދަރިއަކު ހިމާޔަތްކޮށް، ރައްކާތެރި ކުރުމަކީ ލޯބިން ކޮންމެ ބަޔަކު ވެސް ކުރާނެ ކަމެއް ކަމަށް ބުންޏެވެ.
ބޮލީވުޑްގެ މަޝްހޫރު ތަރިންގެ ދަރިންނަށް މީޑިއާތަކުގެ ސަމާލުކަން ލިބުމަކީ އިންޑިއާގައި ވަރަށް އާންމު ކަމެކެވެ. އެގޮތުން މި ފަހުން އެފަދަ އެންމެ ބޮޑު ސަމާލު ކަމެއް ލިބުނީ ކަރީނާ ކަޕޫރާއި ސައިފް އަލީ ޚާންގެ ފުރަތަމަ ދަރިފުޅު ތައިމޫރަށެވެ. މިހާރު 6 އަހަރުގެ ތައިމޫރަށް އުފަންވީ ދުވަހުން ފެށިގެން ލިބުނު މީޑިއާގެ ސަމާލުކަމާ ހެދި އެ ކުއްޖާވެފައި ވަނީ މަޝްހޫޔ "ބޮޑު ސެލެބްރިޓީ" އަކަށެވެ.