Last Updated: June 13, 02:24
Saturday, June 13, 2026
ޚަބަރު

އިޒްރޭލާ ދެކޮޅަށް ރާއްޖެ އަށް ދައުވާ ކުރެވޭނެ

ފަލަސްތީނާއި އެ ގައުމުގެ ރައްޔިތުންގެ ހައްގުތައް ހޯދަން ރާއްޖެ އަށް އިޒްރޭލާ ދެކޮޅަށް ދައުވާކުރުމުގެ ފުރުސަތު އެބައޮތް ކަމަށް މަޝްހޫރު ގާނޫނީ ވަކީލު މައުމޫން ހަމީދު ވިދާޅުވެއްޖެ އެވެ.

ބާ ކައުންސިލްގެ ރައީސް ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފުވާ ކަންކަމުގެ މައްޗަށް ރާއްޖޭގެ ގާނޫނުލް އުގޫބާތުގައި، ރާއްޖޭގެ އިހުތިސާސް ކަނޑައަޅާފައިވާ ކަމާއި ފަލިސްތީނަށް އިންސާފު ހޯދައި ދޭން އެހީވުމުގެ ފުރުސަތު ރާއްޖެ އަށް އެބައޮތް ކަމަށެވެ.

"ބައިނަލްއަގުވާމީ މުޖުތަމައުގެ އިސް ނަގަންދެން މަޑުކޮށްގެން ތިބުމުހެ ބަދަލުގައި ފަލަސްތީނާ މެދު ހިންގަމުންދާ ޖަރީމާތަކާ ދެކޮޅަށް އެހީވުމަށް ފިޔަވަޅު އެޅުމުގެ ފުރުސަތު ރާއްޖެއަށް އެބައޮތް." މައުމޫންގެ ވިދާޅުވި އެވެ.

އޭނަ ފާހަގަރެއްވި ގޮތުގައި ގާނޫނުލް އުގޫބާތުގެ 13 ވަނަ މާއްދާގައި ކުށްކުރީ ކޮންމެ ތަނެއްގައި ކަމަށް ވިޔަސް އަދި އެ ކުށްކުރި މީހުންގެ ދިރިއުޅުން ބިނާވެފައިވަނީ ކޮންމެ ގައުމެއްގައި ވިޔަސް ބައިނަލްއަގުވާމީ ގާނޫނާ ކަނޑައެޅިގެން ހިލާފަށް ކުރެވޭ ކޮންމެ ކުށެއްގައި ދައުވާ ކުރުމުގެ ބާރު ދިވެހި ދައުލަތަށް ލިބިގެންވެ އެވެ.

އިޒްރޭލުން މިދިޔަ މަހުގެ 7 ގައި ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ފެށި އަނިޔާވެރި އުދުވާނުގައި މިހާތަނަށް 10،000 އެއްހާ މީހުން ވަނީ ޝަހީދުކޮށްފަ އެވެ. މީގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ.

ރާއްޖެ އަކީ އަބަދު ވެސް ފަލަސްތީނުގެ ހައްގުގައި އަޑު އުފުލައި ބައިނަލްއަގުވާމީ މައިދާނުގައި ވަކާލާތުކުރަމުން އަންނަ ގައުމެކެވެ. އަދި މިހާރު ފަލަސްތީނުގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ މުސީބާތުގައި ވެސް އެންމެ ބޮޑަށް އަޑު އުފުލާ އެއް ގައުމަކީ ރާއްޖެ އެވެ.