Last Updated: July 23, 18:20
Friday, July 24, 2026
މުނިފޫހިފިލުވުން

ޝިލްޕާގެ ފިރިމީހާގެ ލޯ ދީޕިކާ އަށް ދިމާއަށް!

ބޮލީވުޑްގެ ބަތަލާއިންގެ ތެރެއިން މިހާރު އެންމެ ކަމުދަނީ ދީޕިކާ ޕަދްކޯން ކަމަށާއި އޭނައާ އެކީ މަސައްކަތްކުރަން ވެސް ބޭނުންވާ ކަމަށް ބަތަލާ ޝިލްޕާ ޝެޓީގެ ފިރިމީހާ ރާޖް ކުންދުރާ ބުނެފި އެވެ.

އޭނަ ކުޅުނު ފުރަތަމަ ފިލްމު "ޔޫޓީ 69" ގެ ޕްރޮމޯޝަންގެ ތެރެއިން މީޑިއާއަކަށް ދިން އިންޓަވިއެއްގައި ރާޖް ބުނީ ދީޕިކާ އަކީ ވަރަށް ކަމުދާ ބަތަލާއެއް ކަމަށެވެ.

"ދީޕިކާއާ އެކީ ސްކްރީން ހިއްސާކޮށްލަން ވަރަށް ބޭނުން." އޭނަ ބުންޏެވެ.

ދީޕިކާ އަކީ ބޮލީވުޑްގެ މިހާރުގެ އެންމެ ނުފޫޒު ގަދަ އަދި އެންމެ ކާމިޔާބު އެއް ބަތަލާ އެވެ. އޭނަ އަކީ މަޝްހޫރު އެކްޓަރު ރަންވީރު ސިންގްގެ އަންހެނުންނެވެ.

މިދިޔަ ހުކުރު ދުވަހު ރިލީޒްކުރި ރާޖްގެ އަލަތު ފިލްމަކީ ބަރަހަނާ ފިލްމު ހަދައި އޭގެ ވިޔަފާރިކުރާ ކަމަށް އޭނަގެ މައްޗަށް 2021 ގައި ކުރެވުނު ތުހުމަތުތަކާ ގުޅިގެން ހައްޔަރުކޮށް، ދެ މަހަށް ވުރެ ގިނަ ދުވަހު ޖަލުގައި ހޭދަކުރި ދުވަސްތަކަށް ބިނާކޮށް ގެނެސްދިން ފިލްމެކެވެ.

"ޔޫޓީ 69" އިން އެކްޓިން އަށް ނުކުތުމަށް ފަހު، ރާޖް ބުނެފައި ވަނީ އަބަދު ވެސް އެކްޓިން އަށް ޝައުގުވެރި ކަމަށާއި ފުރުސަތު ލިބޭ ނަމަ އެ ދާއިރާ އިން ކުރިއަށް ދިއުމުގެ ވިސްނުން މިހާރު އެބަހުރި ކަމަށެވެ. ރާޖް ބުނެފައިވާ ގޮތުގައި އޭނަ ކުރިން އެކްޓިން ކްލާހެއްގައި ބައިވެރިވެ، ޓްރެއިނިންތަކެއް ވެސް ހަދާފައިވެ އެވެ.

ރާޖްގެ ފުރަތަމަ ފިލްމާ ބެހޭ ގޮތުން ޝިލްޕާ ބުނެފައި ވަނީ ހީކުރި ވަރަށް ވުރެ ފިރިމީހާގެ އެކްޓިން ފެންވަރު ރަނގަޅު ކަމަށާއި "ޔޫޓީ 69" އަށް އޭނަ ކޮށްފައިވާ މަސައްކަތްތަކާ މެދު ފަހުރުވެރިވާ ކަމަށެވެ.