Last Updated: July 23, 18:20
Friday, July 24, 2026
މުނިފޫހިފިލުވުން

"ނޮވެމްބާ" ގެ ޕްރީމިއާ ޓިކެޓް 200ރ. އަށް

އަންނަ މަހު އޮލިމްޕަށް ގެންނަން ނިންމާފައިވާ ޑާކް ރެއިން އެންޓަޓައިންމަންޓްގެ ފިލްމު "ނޮވެމްބާ" ގެ ޕްރީމިއާ ޝޯގެ ޓިކެޓް 200ރ. އަށް ވިއްކަން ނިންމައިފި އެވެ.

އެ ސްޓޫޑިއޯ އިން ބުނީ ފިލްމުގެ އެހެން ޝޯގެ ޓިކެޓްތައް ވިއްކާނީ 150ރ. އަށް ކަމަށެވެ. މި ފިލްމުގެ ބުކިންސް އަށް ވެސް މިހާރު އޮތީ ހުޅުވާލައިފަ އެވެ. އެގޮތުން ޑާކް ރެއިންގެ ވަޓްސްއެޕް/ވައިބާ ނަންބަރަށް މެސެޖްކޮށްގެން ޓިކެޓް ބުކްކުރެވޭނެ އެވެ.

އަހަރު ނިންމައިލާ ފިލްމުގެ ގޮތުގައި "ނޮވެމްބާ" އަންނަ މަހުގެ 4 ގައި ޕްރިމިއާކުރަން ހަމަޖެހިފައިވާ އިރު، މި ފިލްމަކީ އަސަރު ގަދަ ލޯބީގެ ފިލްމެކެވެ. ފިލްމުގެ މައިގަނޑު ތަރިންނަކީ މަރިޔަމް މަޖުދާ (މަޖޫ) އާއި ޖުމައްޔިލް ނިމާލު (ޖުމަލް) އެވެ. "ނޮވެމްބާ" އަކީ ޑާކް ރެއިންގެ އެންމެ އަގުބޮޑު ފިލްމެވެ. އަލީ ޝިފާއު (ޗިއްޕެ) އާއި ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) ގެ އަންހެނުން އައިޝަތު ފުއާދު ތައުފީގު ޑައިރެކްޓްކުރި ފިލްމަށް 1.6 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.

"ނޮވެމްބާ" އަކީ މި އަހަރު ޑާކް ރެއިނުން އޮލިމްޕަހަށް ގެންނަ ދެވަނަ ފިލްމެވެ. ކޮވިޑާ ވިދިގެން އެ ސިނަމާ ބަންދުކޮށްފައި ހުންނަތާ ތިން ވަރަކަށް އަހަރު ފަހުން މި އަހަރުގެ ފެބްރުއަރީ އެތަނުގައި އެޅުވި ފުރަތަމަ ފިލްމަކީ އެ މަހުގެ 6 ގައި ޕްރީމިއާކުރި ޑާކް ރެއިންގެ "ބީވީމާ" އެވެ.