Last Updated: July 23, 12:04
Thursday, July 23, 2026
ޚަބަރު

ޕޭމަންޓް ސިސްޓަމްއާ އިތުރު ދެ ބޭންކެއް ގުޅިއްޖެ

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ މޯލްޑިވްސް އިންސްޓަންޓް ޕޭމަންޓް ސިސްޓަމް "ފަވަރަ"އާ އިތުރު ދެ ބޭންކެއް ގުޅިއްޖެ އެވެ.

މި ވަގުތު ސިސްޓަމްގައި ބައިވެރިވެ ހިދުމަތް ދެނީ ބޭންކް އޮފް މޯލްޑިވްސް އާއި މޯލްޑިވްސް އިސްލާމިކް ބޭންކް އަދި ސްޓޭޓް ބޭންކް އޮފް އިންޑިއާ އެވެ.

އެމްއެމްއޭ އިން ބުނިގޮތުގައި "ފަވަރަ"އާ މިއަދު ގުޅިފައިވަނީ ބޭންކް އޮފް ސިލޯން (ބީއޯސީ) އަދި މޮރިސަޝް ކޮމާޝަލް ބޭންކް (އެމްސީބީ) އެވެ. މިކަމާ ގުޅޭ އެއްބަސްވުމުގައި އެމްއެމްއޭ އިން މިއަދު ވަނީ އެ ދެ ބޭންކްއާއެކު ސޮއިކޮށްފަ އެވެ. އަދި ބުދަ ދުވަހުން ފެށިގެން 'ފަވަރަ'އިގެ ޕައިލޮޓް ޓެސްޓިންތައް އެ ބޭންކުތަކުން ފަށާނެ ކަމަށްވެސް އެމްއެމްއޭ އިން ބުނެ އެވެ.

އެމްއެމްއޭ އިން ބުނީ ފަވަރައިގެ ސަބަބުން ފައިސާގެ މުއާމަލާތްތައް ފަސޭހަވެ ރައްކާތެރިކަމާއެކު ފައިސާގެ މުއާމަލާތްތައް ކުރެވޭނެ ކަމަށެވެ. އަދި ބޭންކް އެކައުންޓެއް ނެތް މީހަކަށްވެސް ފައިސާގެ މުއާމަލާތް ކުރުމުގެ މަގު ފަހިވެގެންދާނެ ކަމަށް އެމްއެމްއޭ އިން ބުނެ އެވެ.

އެގޮތުން ފަވަރަ ސިސްޓަމްގައި ބައިވެރިވާ މީހެއްގެ ޑިޖިޓަލް ވޮލެޓް ނިޒާމު ބޭނުންކޮށްގެން ބޭންކު އެކައުންޓުތަކަށް ވެސް ފައިސާ ފޮނުވައި އަދި އެ ބޭންކުތައް މެދުވެރިކޮށް ފޮނުވާ ފައިސާ ލިބިގަނެ، ވިޔަފާރިތަކަށާއި އެކިއެކި ހިދުމަތްތަކަށް ފައިސާ ދެއްކުން ފަދަ ކަންތައްތައް ފަސޭހަކަމާއެކު ކުރެވޭނެ ކަމަށް މަރުކަޒީ ބޭންކުން ބުނެ އެވެ.