ފަލަސްތީނުގެ ގާޒާގެ ކެންސަރު ބަލީގެ 1،000 މީހެއްގެ ފަރުވާ އަށް ތުރުކީން އެހީތެރިކަން ފޯރުކޮށްދޭން ނިންމައިފި އެވެ.
ގާޒާގައި ހުންނަ ކެންސަރު ބައްޔަށް ފަރުވާދޭ ހަމައެކަނި ހޮސްޕިޓަލަކީ ޓާކިޝް-ޕަލަސްޓީނިޔަން ފްރެންޑްޝިޕް ހޮސްޕިޓަލެވެ. ނަމަވެސް އެ ހޮސްޕިޓަލަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރާ ތެޔޮ ހުސްވުމާ ގުޅިގެން އެތަން ވަނީ ބަންދުކޮށްފަ އެވެ. ހޮސްޕިޓަލް ބަންދުކުރި އިރު އެތަނުގައި ކެންސަރަށް ފަރުވާ ހޯދަމުންދިޔަ 70 މީހުން ތިއްބެވެ.
ތުރުކީގެ ހެލްތު މިނިސްޓަރު ފަހްރެޓިން ކޯޗާ ވިދާޅުވީ ގާޒާގެ ކެންސަރު ބަލީގެ 1،000 މީހަކާއި އަދި އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި ސީރިއަސް އަނިޔާތަކެއް ލިބުނު މީހުންނަށް ތުރުކީން އެހީވާނެ ކަމަށެވެ. އެ ފަރާތްތައް ގާޒާގެ ރަފާހް ބޯޑަރު ހުރަސްކުރުމަށްފަހު ފުރަތަމަ ގެންނާނީ މިސްރަށް ކަމަށާއި ތުރުކީ އަށް އެ ފަރާތްތައް ގެންދާނީ އެމްބިއުލާންސް މެދުވެރިކޮށް ކަމަށްވެސް ކޯޗާ ވިދާޅުވި އެވެ.
ތުރުކީން މިހާތަނަށް ވަނީ އިންސާނީ އެހީގެ ގޮތުގައި 200 ޓަނުގެ ތަކެތި ގާޒާ އަށް ފޮނުވާފަ އެވެ. އަދި ގާޒާގެ ރަފާހް ބޯޑަރު ކައިރީގައި ބަލި މީހުންނަށް އެހީތެރިކަން ފޯރުކޮށްދޭން ތުރުކީން ހޮސްޕިޓަލެއް ވެސް ގާއިމުކޮށްފައިވެ އެވެ.
ގާޒާ އަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް މިސްރުން ކޮންޓްރޯލް ކުރާ ރަފާހް ބޯޑަރު ހުޅުވާލި ނަމަވެސް އިޒްރޭލުން ވަނީ ގާޒާ އަށް ތެޔޮ އެތެރެކުރުން މަނާކޮށްފަ އެވެ. ތެޔޮ ހުސްވުމުގެ ސަބަބުން މިހާރު ވެސް ގާޒާގެ 35 ހޮސްޕިޓަލުގެ ތެރެއިން 16 ހޮސްޕިޓަލެއް ވަނީ ބަންދުކޮށްފަ އެވެ.
މިދިޔަ މަހުގެ 7 އިން ފެށިގެން އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި ފަލަސްތީނުން މިހާތަނަށް ވަނީ 9،000 އަށް ވުރެ ގިނަ މީހުން ޝަހީދުވެފަ އެވެ.