Last Updated: July 17, 18:07
Friday, July 17, 2026
ދުނިޔެ

ގާޒާ އިން މުވާސަލާތީ ހިދުމަތް ކަނޑާލައިފި

ފަލަސްތީނުގެ ގާޒާ އިން މުވާސަލާތީ ހިދުމަތް އަނެއްކާވެސް ކަނޑާލައިފި އެވެ.

ގާޒާ އަށް މުވާސަލަތީ ހިދުމަތް ފޯރުކޮށްދޭ ޕަލްޓެލް ގުރޫޕުން ބުނީ ގާޒާ އިން މުވާސަލާތީ ހިދުމަތް އަނެއްކާވެސް ކެނޑުނީ މުވާސަލާތީ ހިދުމަތް ފޯރުކޮށްދޭން އަޅާފައިވާ ކޭބަލްތައް އިޒްރޭލުން ބުރިކޮށްލުމާ ގުޅިގެން ކަމަށެވެ.

ފަލަސްތީނާއި ދެކޮޅަށް އިޒްރޭލުން ފަށާފައިވާ ހަނގުރާމައިގެ ދެވަނަ ފިޔަވަހި ފަށަމުން ދާދިފަހުން ދިން ހަމަލާތަކުގައި އިޒްރޭލުން ވަނީ ގާޒާގެ ގާޒާގެ މުވާސަލާތީ ވިއުގަ ހަލާކުކޮށްލާފަ އެވެ. ނަމަވެސް އޭގެ ދުވަސްތަކެއް ފަހުން ގާޒާ އަށް އަލުން މުވާސަލާތީ ހިދުމަތް ވަނީ ފޯރުކޮށްދީފަ އެވެ.

ބޭރުގެ މީޑިއާ ރިޕޯޓުތައް ބުނާގޮތުން މުވާސަލާތީ ހިދުމަތް ކަނޑާލުމަށްފަހު އިޒްރޭލުން މިހާރު އަންނަނީ ގާޒާގެ އެކި ހިސާބުތަކަށް ވަރުގަދަ ހަމަލާތައް ދެމުންނެވެ.

އިޒްރޭލުގެ ގާޒާ އަށް ދެމުން އަންނަ ހަމަލާތައް ވަރުގަދަކުރަމުން އަންނައިރު، އިޒްރޭލުން އަންނަނީ އާންމުން ގިނަ އަދަދަކަށް ދިރިއުޅޭ ސަރަހައްދުތަކަށް އަމާޒުކޮށްގެން ހަމަލާތައް ދެމުންނެވެ. އެގޮތުން ހޮސްޕިޓަލުތައް ހުންނަ ސަރަހައްދުތަކާއި ރެފިއުޖީ ކޭމްޕުތަކާއި ސްކޫލްތަކަށް ފާއިތުވި ދުވަސްތަކުގައި އިޒްރޭލުން ވަނީ ހަމަލާތައް އަމާޒުކޮށްފަ އެވެ.

ހަނގުރާމަ ހުއްޓަން ބައެއް ގައުމުތަކުން ގޮވާލި ނަމަވެސް އިޒްރޭލަށް އެންމެ ބޮޑަށް ވާގިވެރިވާ އެމެރިކާ އިން ވަނީ މިއީ ހަނގުރާމަ ހުއްޓާލަންވީ ވަގުތު ނޫން ކަމަށް ބުނެފަ އެވެ. އަދި މިވަގުތު ހަނގުރާމަ ހުއްޓާލައިފިނަމަ އެކަމުން ފައިދާވާނީ ހަމާސް ޖަމާއަތަށް ކަމަށްވެސް އެމެރިކާ އިން ވަނީ ބުނެފަ އެވެ.

މިދިޔަ މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި ފަލަސްތީނުން މިހާތަނަށް ވަނީ 9،000 އަށް ވުރެ ގިނަ މީހުން ޝަހީދުވެފަ އެވެ.