އިޒްރޭލުން ފަލަސްތީނުގެ ގާޒާ އަށް ދެމުންދާ ހަމަލާތަކުގައި ޝަހީދުވި ކުޑަކުދިންގެ އަދަދު 4،000 އަށް ވުރެ މައްޗަށް އަރައިފި އެވެ.
ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ބުނިގޮތުގައި މިދިޔަ މަހުގެ 7 ވަނަ ދުވަހުން ފެށިގެން ދެމުންދާ ހަމަލާތަކުގައި މިހާތަނަށް ގާޒާ އިން 4،008 ކުދިން ވަނީ ޝަހީދުވެފަ އެވެ. އަދި މި ހަމަލާތަކުގައި ފަލަސްތީނުން ޝަހީދުވި މީހުންގެ އަދަދު ވަނީ 10،000 އާ ގާތްކޮށްފަ އެވެ.

ގާޒާ އަކީ 2.3 މިލިއަން މީހުންގެ އާބާދީއެއް ދިރިއުޅެމުން އަންނަ ސިޓީއަކަށްވާ އިރު އދ. އިން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާ އިރު ހަނގުރާމައިގެ ސަބަބުން ގާޒާގެ 1.5 މިލިއަން މީހުން ވަނީ ގެދޮރު ދޫކޮށް ގޮސްފަ އެވެ.
އިޒްރޭލުގެ ގާޒާ އަށް ދެމުން އަންނަ ހަމަލާތައް ވަރުގަދަކުރަމުން އަންނައިރު، އިޒްރޭލުން އަންނަނީ އާންމުން ގިނަ އަދަދަކަށް ދިރިއުޅޭ ސަރަހައްދުތަކަށް އަމާޒުކޮށްގެން ހަމަލާތައް ދެމުންނެވެ. އެގޮތުން ހޮސްޕިޓަލުތައް ހުންނަ ސަރަހައްދުތަކާއި ރެފިއުޖީ ކޭމްޕުތަކާއި ސްކޫލްތަކަށް ފާއިތުވި ދުވަސްތަކުގައި އިޒްރޭލުން ވަނީ ހަމަލާތައް އަމާޒުކޮށްފަ އެވެ.

ހަނގުރާމަ ހުއްޓަން ބައެއް ގައުމުތަކުން ގޮވާލި ނަމަވެސް އިޒްރޭލަށް އެންމެ ބޮޑަށް ވާގިވެރިވާ އެމެރިކާ އިން ވަނީ މިއީ ހަނގުރާމަ ހުއްޓާލަންވީ ވަގުތު ނޫން ކަމަށް ބުނެފަ އެވެ. އަދި މިވަގުތު ހަނގުރާމަ ހުއްޓާލައިފި ނަމަ އެކަމުން ފައިދާ ވާނީ ހަމާސް ޖަމާއަތަށް ކަމަށް ވެސް އެމެރިކާ އިން ވަނީ ބުނެފަ އެވެ.