Last Updated: July 17, 18:07
Friday, July 17, 2026
ދުނިޔެ

އުރުދުން އިން ގާޒާ އަށް ސިއްހީ ސާމާނު

ފަލަސްތީނުގެ ގާޒާ އަށް ސިއްހީ ސާމާނުތަކެއް އުރުދުން އިން ފޯރުކޮށްދީފި އެވެ.

އުރުދުންގެ ރަސްގެފާނު އަބްދުﷲ ބިން އަލް ހުސައިން ވިދާޅުވީ ރޭ ދަންވަރުގެ ވަގުތެއްގައި ވައިގެ މަގުން ގާޒާގައި ހިންގަމުންދާ އުރުދުންގެ ހޮސްޕިޓަލަކަށް ސިއްހީ ސާމާނުތަކެއް ފޯރުކޮށްދީފައިވާ ކަމަށެވެ. މިހާރު ހިނގަމުންދާ ހަނގުރާމައިގައި އަނިޔާ ލިބިފައިވާ ގާޒާގެ އަހުންނާއި އުހުތުންނަށް އެހީވުމަކީ އުރުދުންގެ ޒިންމާއެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށާއި ފަލަސްތީނާއެކު އަބަދުވެސް އުރުދުން ދެމި އޮންނާނެ ކަމަށް ރަސްގެފާނު ވިދާޅުވި އެވެ.

މި ތަކެތި ވައިގެ މަގުން ގާޒާ އަށް ފޯރުކޮށްދީފައިވަނީ އިޒްރޭލުގެ ހުއްދައާއެކު ކަމެއް ރަސްގެފާނު ހާމަކުރައްވާފައެއް ނުވެ އެވެ. މިކަމާ ގުޅޭގޮތުން އިޒްރޭލު ސަރުކާރު ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ.

އިޒްރޭލުގެ ގާޒާ އަށް ދެމުން އަންނަ ހަމަލާތައް ވަރުގަދަކުރަމުން އަންނައިރު، ގާޒާގެ ހޮސްޕިޓަލުތަކަށް އަމާޒުކޮށް ހަމަލާތައް ދިނުން ފާއިތުވި ދުވަސްތަކުގައި ވަނީ އިތުރުކޮށްފަ އެވެ. ގާޒާގެ ހޮސްޕިޓަލުތަކަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭން ތެޔޮ ބޭނުންވާއިރު އިޒްރޭލުން ވަނީ ގާޒާ އަށް ތެޔޮ އެތެރެކުރުން ވެސް މަނާކޮށްފަ އެވެ. ތެޔޮ ހުސްވުމުގެ ސަބަބުން މިހާރު ވެސް ގާޒާގެ 35 ހޮސްޕިޓަލުގެ ތެރެއިން 16 ހޮސްޕިޓަލެއް ވަނީ ބަންދުކޮށްފަ އެވެ. މީގެތެރޭގައި ގާޒާގައި ހިންގާ ހަމައެކަނި ކެންސަރު ހޮސްޕިޓަލު ވެސް ހިމެނެ އެވެ.

މިދިޔަ މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި ފަލަސްތީނުން މިހާތަނަށް ވަނީ 9،000 އަށް ވުރެ ގިނަ މީހުން ޝަހީދުވެފަ އެވެ. މީގެތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ.