ލުބްނާންގެ ދެކުނުގެ ސަރަހައްދަކަށް ދިން ހަމަލާގެ އަގު އިޒްރޭލުން އަދާކުރަންޖެހޭނެ ކަމަށް ލުބްނާންގެ ހިޒްބުﷲ ޖަމާއަތުން ބުނެފި އެވެ.
އިޒްރޭލުން އެ ހަމަލާ ދީފައިވަނީ ދުއްވާފައި ދިޔަ ކާރަކަށް އަމާޒުކޮށް ކަމަށްވާއިރު އެ ހަމަލާގައި ހަތަރު މީހަކު ވަނީ ޝަހީދުވެފަ އެވެ. އޭގެތެރޭގައި ތިން ކުޑަކުދިން ހިމެނެ އެވެ. އެއީ 10 އަހަރާއި 12 އަހަރާއި 14 އަހަރުގެ ކުދިންނެވެ.
ހިޒްބުﷲ ޖަމާއަތުގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރެއް ކަމަށްވާ ހަސަން ފަޟްލާލާ ވިދާޅުވީ އާންމުންނާއި ދެކޮޅަށް އިޒްރޭލުން ދިން ހަމަލާގެ އަގު އެގައުމުން އަދާކުރަންޖެހޭނެ ކަމަށާއި ފަލަސްތީނުގެ ގާޒާ އަދި ދެކުނު ލުބްނާނުގައި ދިރިއުޅޭ ރައްޔިތުން ބިރުވެރިކަމެއްގެ ތެރޭގައި އިޒްރޭލަށް ނުބޭތިއްބޭނެ ކަމަށެވެ. އަދި ގާޒާގެ ރައްޔިތުން އެމީހުންގެ އަމިއްލަ ވަޒަން ދޫކޮށް ނުދާ ގޮތަށް ދެކުނު ލުބްނާންގެ ރައްޔިތުން ވެސް އެމީހުންގެ ވަޒަން ދޫކޮށް ނުދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މި ހަމަލާގެ ރައްދުގައި ހިޒްބުﷲ ޖަމާއަތުން އިޒްރޭލަށް ވައިގެ ހަމަލާތަކެއް ދީފައިވާއިރު، އިޒްރޭލު އަސްކަރިއްޔާ އިން ވަނީ ހަމަލާ ދިނީ އިންޓެލިޖެންސަށް ލިބުނު މައުލޫމާތެއްގެ އަލީގައި ކަމަށް ބުނެފަ އެވެ. އަދި އިޒްރޭލަށް އިންޒާރުދޭ ކޮންމެ ބަޔަކަށް ހަމަލާދޭނެ ކަމަށްވެސް ބުނެފައިވެ އެވެ.
އިޒްރޭލުން ލުބްނާނަށް ވައިގެ ހަމަލާއެއް ދީފައިމިވަނީ އެގައުމުން ލުބްނާނަށް މެދުނުކެނޑި ހަމަލާތައް ދިނުމަކީ އިޒްރޭލުން ހަދާނެ އެންމެ ބޮޑު ގޯސް ކަމަށް ހިއްބުﷲ ޖަމާއަތުގެ ލީޑަރު ހަސަން ނަސްރުﷲ ދާދިފަހުން ވިދާޅުވެފައިވާ ދަނޑިވަޅެއްގަ އެވެ.