Last Updated: May 7, 09:27
Wednesday, May 7, 2025
ޚަބަރު

އިންތިހާބުތަކާ ބެހޭ ދެ ބިލެއް ތަސްދީގުކުރައްވައިފި

ފޮޓޯ: ރައީސް އޮފީސް

އިންތިހާބުތަކާ ބެހޭ ދެ ޤާނޫނަކަށް ގެނެސްފައިވާ އިސްލާހުތައް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ތަސްދީގު ކުރައްވައިފިއެވެ.

އެގޮތުން ރައީސް ތަސްދީގުކުރައްވާފައިވަނީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނަށް ގެނެސްފައިވާ 6 ވަނަ އިސްލާހާއި އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނަށް ގެނެސްފައިވާ 4 ވަނަ އިސްލާހެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ޤާނޫނަށް ގެނެސްފައިވާ އިސްލާޙުތަކުގެ ތެރޭގައި އިންތިހާބަށް ކުރިމަތިލުމަށް އެދޭ މީހާ އެކަން ބަޔާންކޮށް ހުށަހަޅާ ލިޔުން އިލެކްޝަންސް ކޮމިޝަނަށް ލިބޭތާ ގިނަވެގެން ފަސް ދުވަހުގެ ތެރޭގައި، އެމީހެއްގެ ހުށަހެޅުން ޤަބޫލުކުރިކަން ނުވަތަ ޤަބޫލުނުކުރާކަން، އިލެކްޝަންސް ކޮމިޝަނުން އެމީހަކަށް ލިޔުމުން އަންގަންވާނެކަމަށް ބަޔާންކޮށްފައިވެއެވެ. އަދި، އިންތިޚާބަށް ކުރިމަތިލުމަށް އެދޭ މީހާ ހުށަހަޅާ ހުށަހެޅުމާމެދު އިލެކްޝަންސް ކޮމިޝަނުން ގޮތެއް ނިންމުމުގައާއި، އެ ނިންމުން އިންތިޚާބަށް ކުރިމަތިލުމަށް އެދޭ މީހާއަށް އެންގުމުގައި ހިތްހަމަނުޖެހޭ ފަރާތަކުން އެ މައްސަލަ ކޯޓަށް ހުށަހެޅުމުގައި އަމަލުކުރާނެ އުސޫލުވެސް ވަނީ ކަނޑައަޅާފައެވެ.

މީގެއިތުރުން ލޯކަލް ކައުންސިލްތަކުގެ އިންތިހާބާ ގުޅޭގޮތުން ކޯޓަށް މައްސަލަ ހުށަހެޅުމަށް ބޭނުންވާ ނަމަ ކަނޑައަޅާފައިވާ މުއްދަތު ގުނަން ފަށާނީ އިސްވެ ބަޔާންކުރެވުނު ފަސް ދުވަސް ހަމަވާ ވަގުތުން ފެށިގެންކަމުގައި ވެސް ކަނޑައަޅާފައިވެއެވެ.

އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނަށް ގެނެސްފައިވާ އިސްލާހުގައި ބުނެފައިވަނީ ކޮންމެ އިންތިހާބަކަށްފަހު، އެ އިންތިހާބެއްގައި ވާދަކުރި ކޮންމެ ކެންޑިޑޭޓެއް، ޤާނޫނުގައި ބަޔާންކޮށްފައިވާ މައުލޫމާތާއި ތަކެތި ހިމެނޭ މާލީ ބަޔާނެއް ތައްޔާރުކޮށް، އެ އިންތިހާބެއް ބާއްވާ ތާރީހުން ފެށިގެން 1 މަސްދުވަހުގެ ތެރޭގައި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަންވާނެކަމަށެވެ. އެގޮތުން ހުށަހަޅާ މާލީ ބަޔާނަކީ ދައުލަތުގެ ކަމާބެހޭ އިދާރާއަކުން ހުއްދަދީފައިވާ ފަރާތަކުން އޮޑިޓްކޮށްފައިވާ މާލީ ބަޔާނަކަށްވާންވާނެކަމަށް ވެސް ބަޔާންކޮށްފައިވެއެވެ.