ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ދެ ވަނަ ގައުމަށް ޗައިނާ މިދިޔަ މަހުގެ ތެރޭގައި އެރި ނަމަވެސް، އެ ގައުމު މިހާރު ތިނެކަށް ވެއްޓިއްޖެ އެވެ.
ޓޫރިޒަމް މިނިސްޓްރީން އިއްޔެ އާންމުކުރި އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ޗައިނާ މި މަހުގެ 1 އާ ހަމައަށް ޗައިނާ އިން ރާއްޖެ އައިސްފައި ވަނީ 164،140 ޓޫރިސްޓުންނެވެ. ކޮވިޑާ ވިދިގެން އެ ގައުމުގެ ޓޫރިސްޓުން އައުން ހުއްޓިފައި އޮންނަތާ ތިން ވަރަކަށް އަހަރުން އަލުން ޓޫރިސްޓުން އަންނަ ފެށީ މި މި އަހަރުގެ ޖެނުއަރީ މަހުގެ 18 އިން ފެށިގެންނެވެ.
އޭގެ ފަހުން އެންމެ ގިނަ ޓޫރިސްޓުން އަންނަ 10 ގައުމުގެ ތެރެއަށް ޗައިނާ ވަދެ، މަޑުމަޑުން އައީ ރޭންކް މަތިކުރަމުންނެވެ. އެގޮތުން މިދިޔަ މަހުގެ ތެރޭގައި އިންޑިއާ ތިން ވަނަ އަށް ވައްޓާލައި ދޭކުން ޖާގަ ހޯދިތާ މާ ގިނަ ނުވެ، ޗައިނާ މިހާރު ވަނީ ތިނެކަށް ސޮއްސާލައިފަ އެވެ.
ނަމަވެސް ޓޫރިޒަމް މިނިސްޓްރީން އަންދާޒާކޮށްފައި އޮތީ މި އަހަރު ނިމުމުގެ ރާއްޖޭގެ އެއްވަނަ މާކެޓް ޗައިނާ ވާނެ ކަމަށެވެ. އެކަމަކު މިހާރު އަހަރުހެ ބާކީ އޮތީ މަހެއްހާ ދުވަސްކަމުން، ޗައިނާ އެއް ވަނަ މާކެޓަށް އަރާނެތޯ މިހާރު އޮތީ ސުވާލު މާކެއްގެ ތެރޭގަ އެވެ.
އިންޑިއާ މިހާރު ދެވަނައިގައި އޮތީ މި މަހުގެ 1 އާ ހަމައަށް އައި 164،990 ޓޫރިސްޓުންނާ އެކީގަ އެވެ. އިންޑިއާ އަކީ އަހަރު ފެށުނީއްސުރެ ގަދަ ތިނެކުން ނުވެއްޓި އޮތް ގައުމެކެވެ. އަހަރު ފެށުނީއްސުރެ ރަޝިއާ އަކީ އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމެވެ. އެ ގައުމުން މި މަހުގެ 1 އާ ހަމައަށް 175،714 ޓޫރިސްޓުން އައިސްފައިވެ އެވެ.

ރާއްޖެ ގަދަ 10 މާކެޓަށް ބަލާ އިރު، ލިސްޓްގައި ދެން ހިމެނެނީ އިނގިރޭސިވިލާތް، ޖަރުމަން، އިޓަލީ، އެމެރިކާ، ފްރާންސް ސްޕެއިން އަދި ސްވިޓްޒަލޭންޑެވެ.
ރާއްޖެ އިން މި އަހަރު 1.8 މިލިއަން ޓޫރިސްޓުން ގެންނަން އަމާޒު ހިފާފައިވާ އިރު، މި މަހުގެ 1 އާ ހަމައަށް 1،525،332 ޓޫރިސްޓުން އައިސްފައިވެ އެވެ.