Last Updated: July 23, 18:20
Friday, July 24, 2026
މުނިފޫހިފިލުވުން

"ލަސްވިޔަސް" ފެންނާނީ ކޮން އިރަކު؟

ޑައިރެކްޓަރު މުހައްމަދު ނިޔާޒް (ޓެޑްރީ) ދެވަނަ ފީޗާ ފިލްމެއް އިއުލާންކުރުމާ އެކީ އެ ފިލްމަށް ގިނަ ބަޔަކު ވަރަށް ބޮޑަށް އިންތިޒާރު ކުރަން ފެށި އެވެ. ސަބަބަކީ އޭނަ އަކީ ދިވެހިންގެ ތެރޭގައި ވަރަށް ބޮޑު މަގުބޫލު ކަމެއް ހޯދި 1994 ގެ "ދެރިޔާ" ގެނެސްދިން ޑައިރެކްޓަރަށްވުމެވެ. އެ ފިލްމުން އޭނަ ހޯދި އިތުބާރާއި ލޯތްބާ އެކީ، ޓެޑްރީގެ އިތުރު ފިލްމަކަށް ގިނަ ބަޔަކު ތިބީ ބޭނުންވެފަ އެވެ.

އޭނަގެ ދެވަނަ ފީޗާ އިއުލާންކުރީ ފެބްރުއަރީ 14، 2017 ގަ އެވެ. ފިލްމުގެ ނަމަކީ "ލަސްވިޔަސް" އެވެ. އޭރު އިއުލާންކުރި ގޮތުން މި ފިލްމު ބެލުންތެރިންނަށް ގެނެސްދޭން އޮތީ 2018 ގަ އެވެ. އެކަމަކު މިއީ ޓެޑްރީގެ ދެވަނަ ފިލްމު އިއުލާންކުރިތާ ގާތްގަނޑަކަށް ހަތް އަހަރު ފަހެވެ.

އެ ފިލްމުގެ ނަމާ އެގޮތަށް "ލަސްވިޔަސް" އޮތީ ވަރަށް ބޮޑަށް ލަސްވެފަ އެވެ. ބެލުންތެރިންނަށް މި ފިލްމު ގެނެސްދޭނެ އިރަކާ ބެހޭ އެއްވެސް އިޝާރާތެއް ވެސް ޓެޑްރީގެ ފަރާތަކުން ނުލިބެ އެވެ.

"ލަސްވިޔަސް" ގެ ޝޫޓިން ފެށީ މިދިޔަ އަހަރުގެ ކުރީކޮޅު އެވެ. ޓެޑްރީ ބުނެފައިވާ ގޮތުގައި ފިލްމުގެ މަސައްކަތް ނުފެށި ލަސްވާން ދިމާވި މައިގަނޑު ސަބަބަކީ ތައްޔާރީތައް ކުރިއަށް ދަނިކޮށް، ފަހުން ކޮވިޑާ ދިމާވެ، މަސައްކަތްތައް މެދުކަނޑާލަން ޖެހުމެވެ. ފިލްމާ ގުޅޭ ގޮތުން ޓެޑްރީ މިހާތަނަށް އާންމުކޮށްފައިވާ ސޯޝަލް މީޑިއާ ޕޯސްޓްތަކަށް ބަލާ އިރު،
"ލަސްވިޔަސް" ގެ ޝޫޓިން ރަސްމީކޮށް ފެށީ މިދިޔަ އަހަރުގެ މާޗް 22 ގަ އެވެ.

އެހެންވެ ބެލުންތެރިން ވަރަށް ބޮޑަށް އުންމީދުކޮށްގެން ތިބީ މި އަހަރު ފިލްމު ފެންނާނެ ކަމަށެވެ. އެކަމަކު އެހެނެއް ނުވި އެވެ. "ލަސްވިޔަސް" އޮތީ ހަމަ ލަހުގަ އެވެ. ނަމަވެސް ޓެޑްރީ ފިލްމަކަށްވާތީ މިއަށް ކުރެވޭ އުންމީދާއި އިންތިޒާރީގައި ކިތަންމެ ބަޔަކު އަދިވެސް އެބަތިއްބެވެ.

ޔަގީނުން ވެސް އޭނަ އަށް ސަޕޯޓްކުރާ މީހުން ތިބޭނީ "ލަސްވިޔަސް" އާ ބެހޭ ގޮތުން ދޭނެ އުފާވެރި ޚަބަރެއްގެ އިންތިޒާރުގަ އެވެ.

މި ފިލްމަށް ކާސްޓަށް ބަލާ އިރު، ކާސްޓުން އަހުމަދު އީސަ (އާނަންދު)، މަރިޔަމް ޝިފާ، ކުރީގެ ބަތަލާ ނިއުމާ މުހައްމަދުގެ ދަރިފުޅު ޒޯޔާ ހަސަން، ވާޝިޔާ މުހައްމަދު، ރީކޯ މޫސާ މަނިކު އަދި މިދިޔަ އަހަރު މަރުވި ބަތަލާ ފައުޒިއްޔާ ހަސަން ފަދަ ތަރިން ހިމެނެ އެވެ.

އާ އަހަރާ ކުރިމަތިލާން ވެސް ދެން މާ ގިނަ ދުވަހެއް ނެތެވެ. އެހެންވެ "ލަސްވިޔަސް" އަކީ އަންނަ އަހަރުގެ ފިލްމީ ކަލަންޑަރަށް އަރާނެ ފިލްމަކަށް ވާނެ ކަމަށް ބަލަމާ ހިނގާށެވެ.