Last Updated: May 7, 09:05
Wednesday, May 7, 2025
ޚަބަރު

ސޮއި ހޯދީ ބިރުދައްކައިގެން ކަމަށް ބުނާ ވާހަކައަށް ރައްދު ދީފި

މެންބަރު އަލީ ނިޔާޒް- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައަށް މެމްބަރުންގެ ސޮއި ހޯދީ ބިރުދައްކައިގެން ކަމަށް ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ދެއްކެވި ވާހަކައަށް ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒް ރައްދު ދެއްވައިފިއެވެ.

އިލްޔާސް ވިދާޅުވީ ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އަށް ސޮއި ހޯދަން އެމްޑީޕީ މެމްބަރުންނަށް ނުފޫޒު ފޯރުވައިގެން އެކި ގޮތްގޮތަށް މަސައްކަތް ކޮށްފައިވާ ކަމަށާއި އެ މެމްބަރުން ވެސް އެ ވާހަކަތައް ވިދާޅުވެފައި އެބަހުރި ކަމަށެވެ. އަދި ނަޝީދު އަރިހުވެސް ބައެއް މެމްބަރުން މި ވާހަކަތައް ވިދާޅުވެފައި އެބަހުރި ކަމަށް އިލްޔާސް ވިދާޅުވިއެވެ.

އެވާހަކައަށް ރައްދު ދެއްވާ އަލީ ނިޔާޒް ވިދާޅުވީ އިލްޔާސްގެ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ. އެގޮތުން އިތުބާރު ނެތްކަމުގެ މައްސަލައިގައި ސޮއިކުރި މެންބަރުންގެ އިތުރަށް ސޮއިކުރަންވެސް އަދި ވޯޓްދޭން ވެސް ގިނަ މެމްބަރުން ތިބި ކަމަށް ވިދާޅުވިއެވެ.

"ވޯޓަށް ނުފިލާ މެމްބަރުންނަށް ގޮތް ނިންމުނަށް ފުރުސަތު ދެއްވާ. ނަތީޖާ އެނގޭނީ އެއިރުން." އަލީ ނިޔާޒް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީން މަޖިލީހަށް ހުށަހަޅާފައިވަނީ 49 މެންބަރުންގެ ސޮޔާ އެކުއެވެ. އެހެންނަމަވެސް އެ މައްސަލަ މަޖިލީހުގައި ކުރިއަށް ނުގެންދެވިފައިވަނީ މަޖިލީހުގެ ނައިބުރައީސް އީވާ އަބްދުﷲ އާލާސްކަންފުޅާ އުޅުއްވާތީ ޖަލްސާއަށް ހާޒިރުވުމަށް އުޒުރުވެރިވެވަޑައިގަންނަވާތީއެވެ.

މި މައްސަލަ މަޖިލީހުގައި ކުރިއަށްނުދާތީ އެމްޑީޕީން ވަނީ ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއްވެސް ހުށަހަޅާފައެވެ. އެ މައްސަލައިގެ އަޑުއެހުން މިއަދު އެ ކޯޓުގައި ކުރިއަށްދާނެއެވެ.