ބޮޑުވަޒީރުކަމުން އިސްތިއުފާ ދެއްވައި، އަންނަ އަހަރު ރިޓަޔާކުރައްވަން ނިންމަވާފައިވާ ކަމަށް ސިންގަޕޫރްގެ ބޮޑުވަޒީރު ލީ ސީއެން ލޫންގް އިއްޔެ އިއުލާން ކުރައްވައިފި އެވެ.
މިހާރު އުމުރުން 71 އަހަރުގެ ބޮޑުވަޒީރު ނޫސް ކޮންފަރެންސެއްގައި ވިދާޅުވީ އަންނަ އަހަރު ބާއްވާ އާންމު އިންތިހާބުގެ ކުރިން ރިޓަޔާކުރައްވާނެ ކަމަށެވެ. މަގާމު ދޫކޮށްލައްވަން ނިންމަވާފައިވާތީ ދެން ބޮޑުވަޒީރުގެ ޒިންމާތައް ހަވާލުކުރައްވާނީ ބޮޑުވަޒީރުގެ ނައިބުގެ މަގާމުގައި ހުންނެވި ލޯރެންސް ވޮންގް، 50، އާ ކަމަށް ވެސް ވިދާޅުވި އެވެ. އޭނަ އަކީ މިދިޔަ އަހަރުން ފެށިގެން ސިންގަޕޫރްގެ ފިނޭންސް މިނިސްޓަރު ވެސް މެ އެވެ.
ލީ ވިދާޅުވި ގޮތުގައި ލޯރެންސަކީ ވަރަށް އިތުބާރު ކުރެއްވޭ ގާބިލު ބޭފުޅެކެވެ.
"އޭނައާ ގާބިލިއްޔަތިކަމާ މެދު އަހަރެންގެ ހިތުގައި އެއްވެސް ޝައްކެއް ނެތް. އަހަރެން ގަބޫލުކުރާ ގޮތުގައި އަންނަ އަހަރުގެ އާންމު އިންތިހާބު ކާމިޔާބު ކުރައްވައި ލޯރެންސާއި އޭނަގެ ޓީމު ގައުމާއިގެން ކުރިއަށް ވެސް ވަޑައިގަންނަވާނެ." އޭނަ ވިދާޅުވި އެވެ.
އެހެންވެ ދެ ސިޔާސީ ދާއިރާ އިން ރިޓަޔާކުރެއްވުން ލަސްކުރެއްވުމުގެ ބޭނުމެއް ވެސް ނެތް ކަމަށް ލީ ވިދާޅުވި އެވެ.

"އަހަރެން ކުރިން ނިންމައިގެން ހުރީ ހަތްދިހަ އަހަރުވުމުގެ ކުރިން ރިޓަޔާކުރަން. އެކަމަކު ކޮވިޑްގެ ހާލަތާ ދިމާވެ، ގައުމު ކަންކަމާއިގެން ކުރިއަށް ވުރެ ބޮޑަށް އުޅެން މަޖުބޫރުވީމަ ރިޓަޔާކުރުން ފަސްކުރީ،" އޭނަ ވިދާޅުވި އެވެ. "އެކަމަކު ދެން މިކަން އިތުރަށް ލަސްކުރާކަށް ބޭނުމެއް ނޫން. އަންނަ އަހަރު ރިޓަޔާކުރާނަން."
ނަމަވެސް ރިޓަޔާކުރައްވާނެ ސީދާ ތާރީހެއް ބޮޑުވަޒީރު ހާމައެއް ނުކުރައްވަ އެވެ. ޕީޕަސް އެކްޝަން ޕާޓީ (ޕެޕް) ގެ ލީޑަރު، ލީ ސިންގަޕޫރުގެ ބޮޑުވަޒީރު ކަމަށް ވަޑައިގަތީ 2004 ގަ އެވެ.