Last Updated: July 23, 18:20
Friday, July 24, 2026
މުނިފޫހިފިލުވުން

ކަންގަނާ އަކީ މިހާރު "ބޮޑު ފްލޮޕެއް"

އިންޑިއާގެ ބަތަލާ ކަންގަނާ އަކީ ވަރަށް މޮޅު ބަތަލާއެއް ކަމަށް ގިނަ ބަޔަކު އަބަދު ވެސް ގަބޫލުކުރެ އެވެ. ހުނަރު ދައްކާލައިގެން އޭނަ މިހާތަނަށް ހަތަރު ނެޝަނަލް އެވޯޑް ވެސް ހޯދައިފި އެވެ. ކަންގަނާގެ މޮޅެތި އެކްޓިން ފެނިގެން ދިޔަ އެންމެ ފާހަގަކޮށްލެވޭ ފިލްމުތަކުގެ ތެރޭގައި "ތަނޫ ވެޑްސް މަނޫ" ގެ ދެ ފިލްމާއި "ކްއީން" އަދި "މަރްކަރްނިކާ: ދި ކްއީން އޮފް ޖާންސީ" ހިމެނެ އެވެ.

އުމުރުން އެންމެ 17 އަހަރުގައި އޭނަ ބޮލީވުޑަށް ނުކުތީ 2006 ގެ "ގޭންގްސްޓާ" އިންނެވެ.

ބެލުންތެރިން ވަދަށް ބޮޑަށް ބަލައިގަތް ބަތަލާއަކަށް ކަންގަނާ ވިޔަސް، މިހާރު އޭނަ އަށް ކުރިމަތިލާން ޖެހިފައި ވަނީ ބޮޑު ވެއްޓުމަކާ ސަބަބަކީ އެވެ. ސަބަބަކީ މި ފަހުން ރިލީޒްކުރި އޭނަގެ ހުރިހާ ފިލްމުތަކެއް ވެސް ވަރަށް ވަނދުކޮށް ދިއުމެވެ. އޭގެ ތެރެއިން އެންމެ ފަހުގެ ފިލްމަކީ މިދިޔަ މަހުގެ 27 ގައި ރިލީޒްކުރި ވަތަނީ ފިލްމު "ތޭޖާސް" އެވެ.

މި އެކްޝަން އޭރިއަލް ތުރިލާގައި ކަންގަނާ ކުޅުނީ އިންޑިއާގެ ވައިގެ އަސްކަރީ އޮފިސަރެއްގެ ރޯލެވެ. އެކަމަކު "ތޭޖާސް" އަށް ބެލުންތެރިން ދިނީ ފުރަގަހެވެ. މި ފިލްމު ބަލަން ސިނަމާތަކަށް ވަންނާނެ ބަޔަކު ނުވެގެން އަޅުވަން ޖެހުނީ ފްލޮޕް ބޯޑެވެ.

"ތޭޖާސް" ގެ ކުރިން ސެޕްޓެމްބަރުގައިި ރިލީޒްކުރި ހޮރޯ-ކޮމެޑީއަކީ "ޗަންދުރަމުކީ 2" އަކީ ވެސް ބެލުންތެރިންގެ ސަމާލުކަން ލިބުނު އެއްޗެއް ނޫނެވެ.

އަބަދު ވެސް "އެންމެ މޮޅު މީހާ" ކަމަށް އަމިއްލަ އަށް ހެދިގެން އުޅޭ ކަންގަނާ އަށް މި ފަހުން ކުރިމަތިލާން ޖެހުނު އެންމެ ލަދުވެތި ފްލޮޕަކީ ބޮލީވުޑްގެ ބަތަލާއެއްގެ ފުލް-ފްލެޖްތ ފުރަތަމަ އެކްޝަން ފިލްމުގެ ގޮތުގައި އޭނަ ޕްރޮމޯޓްކުރި މިދިޔަ އަހަރުގެ "ދާކަޅް" އެވެ. އެއީ ބަލާނެ ބަޔަކު ނުވެގެން ސިނަމާތަކުން ނަން ޖެހުނު އެއްޗެކެވެ.

މި ފިލްމު ކުރިން ދެން 2021 ގައި ރިލީޒްކުރި ބައޮގްރަފިކަލް ޑްރާމާ "ތަލައިވީ" އަކީ ވެސް ކަންގަނާގެ ފިލްމުތަކުގެ ތެރެއިން ބެލުންތެރިން ބަލައިނުގަތް ފިލްމެކެވެ. އޭގައި އޭނަ ކުޅުނީ އިންޑިއާގެ ޓަމިލް ނާޑޫ ސްޓޭޓްގެ ކުރީގެ ޗީފް މިނިސްޓަރު ޖަޔަލަލީތާގެ ރޯލެވެ.

ފުލުފުލުގައި ކަންގަނާ ފްލޮޕްތަކެއް ގެނެސްދޭ އިރު، އޭނަ އަށް މިހާރު ވަރަށް ގިނަ ބައެއްގެ މަލާމަތާ ވެސް ވަނީ ކިރިމަތިލާން ޖެހިފަ އެވެ. އެގޮތުން ސޯޝަލް މީޑިއާގައި ކަންގަނާ އަށް އެއްޗެހި ގޮވާ މީހުން ވަރަށް ގިނަ އެވެ "ތޭޖާސް" ބަލާނެ ބަޔަކު ނުވެގެން ސިމަނާތައް ފަޅުކޮށް ދާން ފެށުމުން، ބެލުންތެރިން ސިނަމާތަކަށް ގޮސް ފިލްމު ބަލަން އެދި ވީޑިއޯ މެސެޖެއް ވެސް އާންމުކުރި އެވެ. މިކަމާ ގުޅިގެން ވެސް އޭނަ އަށް އައި ފާޑުކިޔުންތަކާއި ނުރުމެވެ.

ގިނަ ބަޔަކު ބުނާ ގޮތުގައި ކަންގަނާގެ މި ވެއްޓުމަކީ ސީދާ އޭނަ އަމިއްލަ އަށް ޒިންމާވާން ޖެހޭ ކަމެކެވެ. ސަބަބަކީ އޭނަ އަކީ އަބަދު ވެސް "ބޮޑު އަނގަޔަކާ އެކީ" އެހެން މީހުން ދަށްކޮށްލަން މަސައްކަތްކުރާ މީހަކަށްވުމެވެ. ހާއްސަކޮށް ބޮލީވުޑްގެ މީހުންނާ ދިމާކޮށް، ފުރައްސާރަކޮށް، ސާބިތު ނުހިފޭ ވާހަކަތައް ދައްކައި، އިންޑަސްޓްރީ ބޮއިކޮޓްކުރަން ވެސް އެތައް ފަހަރެއްގެ މަތިން ކަންގަނާ ގޮވާފައިވެ އެވެ.

ކަންގަނާ އަކީ ބޮލީވުޑްގެ އާންމު ބަތަލާއިންނާ ވަރަށް ހިލާފު ބަތަލާއެކެވެ. އާންމުކޮށް ބަތަލާއިން އާންމުންގެ ލޯބި ހޯދަނީ އެ މީހުންގެ ހިތްތިރިކަމާއި ހިތްހެޔޮ މިޒާޖާ އެކީގަ އެވެ. އަދި ގިނަ ބަތަލާއިންނަކީ "ދުނިޔޭގައި ލެއްވިހާ ކަންކަބާ ބެހި، ކަންކަމުގެ ބޭނިގަނެ، ހިތުހުރިހާ އެއްޗެއް ގޮވާ" ބައެއް ވެސް ނޫނެވެ.

އެކަމަކު ކަންގަނާ މިއީ މުޅިން އިދިކޮޅެވެ. އޭނަ ދެކެ ގިނަ ބަޔަކު ރުޅި އަންނަ ސަބަބުތަކުގެ ތެރޭގައި ސިޔާސީ ވާހަކަތައް ދެއްކުމާއި، އަމިއްލަ ފިކުރު ކަމަށްވާ ބީޖޭޕީ ވަރުގެ ބަޔަކު ނެތް ކަމަށް ބުނެ، އެހެން މީހުންނާ ދިމާކުރުމާއި މުސްލިމުންނާ ދެކޮޅަށް ވެސް ވަރަށް ފާޅުގައި ތަފާތު ވާހަކަތައް ދައްކަމުބް ދިއުމެވެ.

ކުރުކޮށް ސިފަކުރާ ނަމަ ބުނެވޭނީ ކަންގަނާ އަކީ ނުބެހޭ ކަމެއް ނޯންނަ އަދި މީސްމީހުންގެ ވަރަށް ޒާތީ ކަންކަމާ ވެސް އަޅައިގަނެގެން އުޅޭ "މައިތިރި ނުވެގެން" އުޅޭ ބަތަލާއެކޭ އެވެ. ގިނަ ބަޔަކު މިހާރު ބުނާ ގޮތުގައި ކަންގަނާ އަށް މިހާރު ޖެހިފައި އޮތް ހާލަތުގެ ހަގީގީ ސިއްރަކީ އޭނަގެ ވިހަގަދަ ދުލެވެ.

ބަހެއް ބުނުމުގެ ކުރިން އެ ބަހަކާ މެދު ވިސްނާލަން ޖެހެނީ އެ ސަބަބާ ހުރެ އެވެ.

ކަންގަނާގެ އަމަލާއި ބަހުރުވަ ހުރި ގޮތުން އޭނަ އަށް ގިނަ ބަޔަކު މިހާރު ދެނީ ފުރަގަހެވެ. ފުލުފުލުގައި ފިލްމުތައް ފްލޮޕްވުމުގެ ހަގީގީ ސަބަބަކީ އެއީ އެވެ. އަނެއްކޮޅުން ކަންގަނާގެ އަމަލުތަކާއި ވާހަކަތައް ހުންނަ ގޮތުން ބޮލީވުޑްގެ މަޝްހޫރު ގިނަ މީސްމީހުން އޭނައާ އެކީ މަސައްކަތްކުރާކަށް ވެސް ބޭނުމެއް ނުވެ އެވެ. މިއަށް ވުރެ ދެން ވަކި ބޮޑު ވެއްޓުމެއް ވެސް ފިލްމު ކުޅޭ މީހަކަށް ނޯންނާނެ އެވެ.

މި ބަތަލާގެ ކުރިއަށް ދެން އޮތް ފިލްމަކީ އަމިއްލަ އަށް ޑައިރެކްޓްކޮށް، ކުޅުނު "އިމަޖެންސީ" އެވެ. ކުރިން މި މަހު ފިލްމު ގެނެސްދޭ ގޮތަށް، މިހާރު ވަނީ އަންނަ އަހަރަށް ފިލްމު ލަސްކޮށްފަ އެވެ