Last Updated: May 7, 09:27
Wednesday, May 7, 2025
ޚަބަރު

އޭސީސީން ހައުސިން މިނިސްޓްރީއަށް ވަދެއްޖެ

ގެދޮރުވެރިޔާ ސްކީމްގެ ދަށުން އަޅަމުން ދިޔަ ފްލެޓު އިމާރާތެއް - ފޮޓޯ: ރައީސް އޮފީސް

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެ އިން ދޫކުރަން ނިންމާފައިވާ 4،000 ފުލެޓުގެ މައްސަލައިގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހައުސިން މިނިސްޓްރީއަށް ވަދެއްޖެއެވެ.

އޭސީސީގެ ޓީމަކުން މި މައްސަލައިގައި ހައުސިން މިނިސްޓްރީއަށްވަދެ މައްސަލައިގެ ތަހުގީގު ހިންގަމުން އަންނަ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

"ގެދޮރުވެރިޔާ ސްކީމު" ގެ ދަށުން ފުރަތަމަ 4،000 ފުލެޓު ލިބޭ މީހުންގެ ލިސްޓް އާންމުކުރުމާ އެކީ ފެންމަތިވި ޝަކުވާތަކާއި ކަންބޮޑުވުންތަކާ ގުޅިގެން އެ ފްލެޓްތައް ހަވާލުކުރުން މަޑުޖައްސާލަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވަނީ އިއްޔެ އަންގާފައެވެ.

މި މައްސަލައިގައި އޭސީސީން އިއްޔެ ބުނެފައިވަނީ އެކަން ހުއްޓުވީ ފުލެޓް ލިބޭ މީހުންގެ ލިސްޓް އާންމުކޮށްފައި ވަނީ ޕޮއިންޓު ދިނުމުގެ އުސޫލާ ހިލާފަށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ނުލިބޭހެން ވަކި ބަޔަކަށް ނާޒާއިޒު މަންފާ ހޯދައި ދިނުމުގެ ގޮތުން ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލަތަކެއް ބަލަމުންދާތީ ކަމަށެވެ.

އެހެންވެ "ގެދޮރުވެރިޔާ" ސްކީމްގެ ދަށުން ދޫކުރާ ފުލެޓްތަކުގެ އެއްބަސްވުމުގައި ސޮއިކުރުމާއި، އެ ފުލެޓުތައް ހަވާލުކުރުމާ ގުޅުން ހުރި އެންމެހާ މަސައްކަތްތައް، ޕޮއިންޓް ދީފައިވާ ގޮތާ މެދު ޝަކުވާ ހުށަހެޅުމަށް އެކަށީގެންވާ މުއްދަތެއް ދީ، އެ ޝަކުވާތަކަށް ބެލުމަށް ފަހު ނޫނީ ކުރިއަށް ނުގެންދިއުމަށް އަންގާފައިވެ އެވެ.

މި މައްސަލައިގައި އޭސީސީން ހައުސިން މިނިސްޓްރީއަށްވަދެ ތަހުގީގު ހިންގަމުން އަންނައިރު، މިކަމާ ގުޅިގެން އޭސީސީގެ ރަސްމީ ބަހެއް އަދި މިހާތަނަށް ލިބިފައެއް ނުވެއެވެ.