Last Updated: May 7, 09:27
Wednesday, May 7, 2025
ޚަބަރު

ނަޝީދުގެ މައްސަލަ އަށް ތަދައްޚުލުވީ ތިން ޕާޓީއަކުން

މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗު-

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައާ ގުޅުވާ އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުންތައް ފަށައިފިއެވެ.

މި މައްސަލައިގެ އަޑުއެހުން މިއަދު ސުޕްރީމް ކޯޓުގައި ފަށާފައިވަނީ ހެނދުނު 10:08 ގައެވެ.

އެމްޑީޕީން ރައްޔިތުންގެ މަޖިލީހުގެ އިދާރާއާ ދެކޮޅަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލައަށް 3 ފަރާތަކުން ތަދައްޚުލުވެފައިވެއެވެ. އެއީ ޕީޕީއެމް، ޕީއެންސީ އަދި ދަ ޑިމޮކްރެޓްސްގެ ފަރާތުންނެވެ.

މި މައްސަލައިގެ އަޑުއެހުންތައް މިއަދު ފެށުމަށްފަހު ފަނޑިޔާރުންގެ ބެންޗްގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު މަހާޒް އަލީ ޒާހިރު ވިދާޅުވީ މިއަދު އަޑުއެހުން ނިންމައިނުލެވިއްޖެނަމަ މާދަމާ ހެނދުނު 9:00 ގައި އިތުރު އަޑުއެހުމެއް ބާއްވާނެ ކަމަށެވެ.

ފަނޑިޔާރު މަހާޒް ވިދާޅުވީ މި މައްސަލައިގެ އަޑުއެހުންތައް އެކުއެކީ ކުރިއަށް ގެންގޮސް ވީހާ ވެސް އަވަހަކަށް ނިންމާލެވޭތޯ މަސައްކަތް ކުރައްވާނެ ކަމަށެވެ.

މި މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ހިމެނެނީ ފަނޑިޔާރު އަލްއުސްތާޛް މަޙާޒު ޢަލީ ޒާހިރު، ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު، ފަނޑިޔާރު އަލްއުސްތާޛް ޙުސްނުއްސުޢޫދު، ފަނޑިޔާރު އަލްއުސްތާޛް ޢަލީ ރަޝީދު ޙުސައިން އަދި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްއެވެ.

އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި އެދިފައިވަނީ މަޖިލީހުގެ ރައީސް ވަކިކުރުމުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓޭނީ ހަމައެކަނި މަޖިލީހުުގެ ނައިބު ރައީސަށް ކަމަށް ބަލައިގެން ޖަލްސާ ކެންސަލް ކުރީ ޤާނޫނުއަސާސީއާއި މަޖިލީހުގެ ގަވައިދާއި ހިލާފަށްކަމަށް ކަނޑައަޅައި ދިނުމަށެވެ.

ދުސްތޫރީ މައްސަލައިގައި އެމްޑީޕީން އެދިފައިވަނީ ރައީސް ވަކިކުރުމުގެ މައްސަލައަށް ނައިބު ރައީސަށް ހާޒިރު ނުވެވޭ ހާލަތުގައި މަޖިލީހުގެ ގަވާއިދުގައި ވާ ގޮތުގެ މަތީން ރިޔާސަތު ބަލަހައްޓާނޭ މީހަކު ކަނޑައަޅައި، ރައީސް މަގާމުން ވަކިކުރުމުގެ ޖަލްސާ ކުރިއަށް ގެންދެވޭނެ ކަމަށް ކަނޑައަޅައި ދިނުމަށެވެ.