Last Updated: July 17, 18:07
Friday, July 17, 2026
ދުނިޔެ

"އެކްސް" އަށް ޗެޓްބޮޓެއް، ނަމަކީ "ގްރޮކް"

"އެކްސް" ގެ ނަމުގައި މިހާރު ހިންގަމުން އަންނަ ކުރީގެ ޓްވިޓާ އަށް "ގްރޮކް" ގެ ނަމުގައި ޗެޓްޕޮޓެއް ލޯންޗްކޮށްފި އެވެ.

އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ ތެރެއިން ލޯންޗްކުރި މި ޗެޓްބޮޓް މި ވަގުތު ލިބެނީ ހަމައެކަނި ބައެއް ޔޫޒަރުންނަށެވެ. "އެކްސް" އިން ބުނެފައި ވަނީ "ގްރޮކް" ހާއްސަ ވަނީ އެ ޕްލެޓްފޯމްގެ ޕްރީމިއަމް ޕްލަސް ސަބްސްކްރައިބަރުންނަށެވެ.

މީގެ ވާހަކަ "އެކްސް" ގެ ވެރިޔާ އީލޮން މަސްކް ހިއްސާކުރައްވައި ވިދާޅުވީ "ގްރޮކް" ވާނީ އެހެން ޗެޓްބޮޓްތަކަށް ވުރެ، ފުރިހަމަ އެއްޗަކަށް ކަމަށެވެ. އަދި މީތި އޭނަ ސިފަކޮށްފައި ވަނީ "ތަންކޮޅެއް ލާނެއް" ގޮތަކަށް މައުލޫމާތުތައް ސާފުކޮށް ދޭނެ އެއްޗެއްގެ ގޮތުގަ އެވެ. އެގޮތުން އެހެން ޗެޓްބޮޓްތަކުން ޖަވާބު ސާފުކޮށްދޭން އުޒުރުވެރިވާ ކަހަލަ މައުޟޫތަކަށް "ގްރޮކް" އެހީތެރިވާނެ ކަމަށް އީލޮން ވިދާޅުވި އެވެ.

"ގްރޮކް" އަކީ މިދިޔަ ޖުލައި މަހުގެ ތެރޭގައި އުފެއްދި އީލޮންގެ އެކްސްއޭއައި ކުންފުނިން ވުޖޫދަށް ގެނައި އެއްޗެކެވެ.

ޗެޓްބޮޓްތައް ތައާރަފުވެ، މީގެ ސަބަބުން އިންސާނުންނަށް ކުރިމަތިވެދާނެ މައްސަލަތަކާ ގުޅޭ ގޮތުން މި ފަހުން ބަހުސްކުރެވޭ މިންވަރަށް ވަރަށް ބޮޑަށް އިތުރުވެފައިވެ އެވެ. ޗެޓްބޮޓްތަކުގެ ތެރޭގައި އޯޕަން އޭއައިގެ "ޗެޓްޖީޕީޓީ" އާއި ގޫގުލްގެ "ބާޑް" ގެ އިތުރުން މައިކްރޮސޮފްޓްގެ "ބިންޖް އޭއައި" އެވެ.

އެޕަލް އިން ވެސް މިހާރު އަންނަނީ ޗެޓްބޮޓަކަށް މަސައްކަތް ކުރަމުންނެވެ. ރިޕޯޓްތައް ބުނާ ގޮތުން މެޓަ އިން ހިންގާ އިންސްޓަގްރާމަށް ވެސް ޗެޓްބޮޓެއް ގެންނަން އަންނަނީ މަސައްކަތްތަކެއް ކުރެވެމުންނެވެ.