Last Updated: May 7, 09:27
Wednesday, May 7, 2025
ޚަބަރު

ކޮނޑޭ މެޖިސްޓްރޭޓް ސަސްޕެންޑްކޮށްފި

ގއ.ކޮނޑޭ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު މުހައްމަދު އިބްރާހީމް ސަސްޕެންޑް ކޮށްފިއެވެ.

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނެފައިވަނީ ކޯޓަށް ހުށަހެޅޭ މައްސަލަތައް ދިރާސާނުކުރާކަމާއި، މައްސަލަތަކުގެ ހުކުމާއި، މައްސަލަތަކުގެ ރިޕޯޓު މުވައްޒަފުން ތައްޔާރުކުރަންޖެހޭކަމަށް އަދި ކޯޓަށް ހުށަހެޅޭ މައްސަލަތައް ގިނަދުވަސްވެ އެ މައްސަލަތަކަށް އިސްމެޖިސްޓްރޭޓް އިހުމާލުވެފައިވާކަމަށާއި، އަދި ކޯޓުގެ ވާހަކަތަކާއި ކޯޓަށް ހުށަހެޅޭ މައްސަލަތަކުގެ ވާހަކަ ކޯޓުން ބޭރުގައި އިސްމެޖިސްޓްރޭޓް ދައްކާކަން ޖޭއެސްސީގެ ތަޚްޤީޤަށް ސާބިތުވެފައިވާ ކަމަށެވެ.

ޖޭއެސްސީން ބުނެފައިވަނީ އިސްމެޖިސްޓްރޭޓް މުޙައްމަދު އިބްރާހީމްގެ މި އަމަލުތަކަކީ، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނާ ޚިލާފަށް ކޮށްފައިވާ ޢަމަލުތަކެއްކަމަށެވެ.

އެހެންކަމުން މުސާރައާއި އިނާޔަތްތައް ނުލިބޭގޮތަށް 2023 ނޮވެންބަރު 06 ވަނަ ދުވަހުން ފެށިގެން ދެ ހަފްތާގެ މުއްދަތަށް ވަޒީފާގެ މަސައްކަތަށް ނުކުތުން މަނާކުރަން ޖޭއެސްސީގެ ޖަލްސާގައި ނިންމާފައިވާ ކަމަށެވެ.