ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރުނެތްކަމުގެ މައްސަލަ ކުރިއަށް ނުގެންދިޔަނަމަވެސް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު މަގާމުގެ ހުވާ ކުރެއްވުމަށް އެއްވެސް ހުރަހެއް ނެތްކަމަށާއި އެހެންނަމަވެސް ވަޒީރުންގެ މަޖިލީހަށް ރުހުން ދިނުމުގައި ހުރަސްތަކެއް ކުރިމަތިވުމުގެ ފުރުސަތު އޮތްކަމަށް ބަނޑާރަނައިބުގެ އޮފީހުން ސުޕްރީމް ކޯޓުގައި ބުނެފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައާ ގުޅުވާ އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި ބަންޑާރަނައިބުގެ އޮފީހުން ވާހަކަ ދައްކަވަމުން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 205 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާގޮތުން ވަކި ދުވަހެއްގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ގަރާރު މަޖިލީހުގެ ޖަލްސާއެއްގައި ހުށަހެޅުމަށް ލާޒިމުކުރާ ކަމަށެވެ. އަދި އެ މާއްދާގެ (ރ) ގައި ބަޔާންކުރަނީ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅިފައިވަނިކޮށް މަޖިލީހުގައި އެއްވެސް ކަމަކާ މެދު ބަހުސްކޮށް، ނުވަތަ ގޮތެއް ނިންމަންވާނީ އިތުބާރު ނެތްކަމުގެ ގަރާރާމެދު ގޮތެއް ނިންމުމަށްފަހު ކަމަށެވެ.
މި މައުޟޫގައި ބަންޑާރަނައިބުގެ އޮފީހުން ވާހަކަ ދައްކަވަމުންދަނިކޮށް ފަނޑިޔާރު ހުސްނުއްސުއޫދުވަނީ ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 205 ވަނަ މާއްދާގެ (ރ) އޮތްގޮތުން އާ ރައީސުލްޖުމްހޫރިއްޔާ ހުވާކުރެއްވުމަށް އެއްވެސް ހުރަހެއް އެޅޭތޯ ސުވާލު ކުރައްވާފައެވެ. ޖަވާބުގައި ބަންޑާރަނައިބުގެ އޮފީހުން ވިދާޅުވީ އިންތިހާބީ ރައީސުލްޖުމްހޫރިއްޔާ ހުވާ ކުރެއްވުމަށް އެއްވެސް ހުރަހެއް ނެތްކަމަށެވެ. އާ ވަޒީރުންގެ މަޖިލީހަށް ރުހުން ދިނުމަށް ހުރަސް އެޅޭތޯ ސުވާލުކުރުމުން ބަންޑާރަނައިބުގެ އޮފީހުން ވިދާޅުވީ އެކަމުގައި މައްސަލައެއް ދިމާވާ ކަމަށެވެ.
އެކަން އިތުރަށް ތަފްސީލުކޮށްދެއްވާ ބަންޑާރަނައިބުގެ އޮފީހުން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން ގޮތެއް ނިިންމަންޖެހޭކަންކަން ޤާނޫނުއަސާސީގެ 87 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަމަށާއި، އޭގެތެރޭގައި ރައީސުލްޖުމްހޫރިއްޔާ ހުވާކުރެއްވުމުގެ ވާހަކަ ނާންނަކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައާ ގުޅުވާ އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލައަށް 3 ފަރާތަކުން ތަދައްޚުލުވެފައިވެއެވެ. އެއީ ޕީޕީއެމް، ޕީއެންސީ އަދި ދަ ޑިމޮކްރެޓްސްގެ ފަރާތުންނެވެ.
މި މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ހިމެނެނީ ފަނޑިޔާރު އަލްއުސްތާޛް މަޙާޒު ޢަލީ ޒާހިރު، ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު، ފަނޑިޔާރު އަލްއުސްތާޛް ޙުސްނުއްސުޢޫދު، ފަނޑިޔާރު އަލްއުސްތާޛް ޢަލީ ރަޝީދު ޙުސައިން އަދި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްއެވެ.