Last Updated: May 7, 09:42
Wednesday, May 7, 2025
ޚަބަރު

މަޖިލީހުން ދައްކާ ހައްލަކީ ގަވައިދު އިސްލާހުކުރުން

މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ-

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި މަޖިލީހުގައި މިހާރު ދިމާވެފައިވާ މައްސަލައަށް ލިބެން އޮތް ހައްލެއްގެ ގޮތުގައި ދެކެނީ މަޖިލީހުގެ ގަވައިދު އިސްލާހުކުރުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައާ ގުޅުވާ އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި މިއަދު ސުޕްރީމް ކޯޓުގެ އަޑުއެހުން ކުރިއަށް ގެންގޮސްފައިވާއިރު ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރު ހުސްނުއްސުއޫދު ވަނި ބައެއް ސުވާލުތައް ކުރައްވާފައެވެ.

އެގޮތުން ފަނޑިޔާރު ސުއޫދުވަނީ މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާގައި ބުނާ، އާންމު މެމްބަރަކު ރިޔާސަތު ބެލެެހެއްޓެވުން އެޕްލައިކުރެވޭނެ ހާލަތަކީ ކޮބައިތޯ ސުވާލުކުރައްވާފައެވެ. އުސާލަށް ޖަވާބު ދެއްވަމުން ފިލްޒާ ވިދާޅުވީ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ރިޔާސަތު ނައިބުރައީސްއަށް އެކަނި ބަަލަހައްޓަން ޖެހޭގޮތަށް ގަވައިދުގައި ބަޔާންކޮށްފައިވަނީ ވަކި ސަބަބުތަކާ ހެދިކަމަށެވެ. އެގޮތުން މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައަކީ މަޖިލީހެއްގެ ދައުރުގައި އަންނާނެ އެންމެ ބޮޑު އެއް މައްސަލަކަން ފާހަގަ ކުރެއްވިއެވެ. އަދި އެ މައްސަލައަށްދޭ އަހައްމިޔަތުގެ ބޮޑުކަމުން މައްސަލަ ހިންގުމަށް ހަވާލުވާނީ ދެން މަޖިލީހުގައި ހުންނެވި އެންމެ އިސް ބޭފުޅާއަށްކަން ފާހަގަ ކުރެއްވިއެވެ.

މީގެއިތުރުން ފިލްޒާ ވިދާޅުވީ މަޖިލީހުގައި އިތުރު މަސައްކަތެއް ނުކުރެވޭނީ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހުގެ ޖަލްސާއަކަށް ހުށަހެޅުމުން ކަމަށެވެ. އަދި އެ މައްސަލަ ހަމައެކަނި މަޖިލީހަށް ލިބުމުން ނުވަތަ އެޖެންޑާ ކުރުމަކީ މައްސަލަ ޖަލްސާއަށް ހުށަހެޅުން ކަމަކަށް ނުވާނެ ކަމަށް ވިދާޅުވިއެވެ.

މި މައްސަލައިގައި ހޯދެން އޮތް ހައްލަކީ މަޖިލީހުގެ ގަވައިދު އިސްލާހު ކުރުންކަން ފިލްޒާ ފާހަގަކުރެއްވިއެވެ. އަދި އެކަމުގެ ލަފާ އަރުވާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައާ ގުޅުވާ އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލައަށް 3 ފަރާތަކުން ތަދައްޚުލުވެފައިވެއެވެ. އެއީ ޕީޕީއެމް، ޕީއެންސީ އަދި ދަ ޑިމޮކްރެޓްސްގެ ފަރާތުންނެވެ.

މި މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ހިމެނެނީ ފަނޑިޔާރު އަލްއުސްތާޛް މަޙާޒު ޢަލީ ޒާހިރު، ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު، ފަނޑިޔާރު އަލްއުސްތާޛް ޙުސްނުއްސުޢޫދު، ފަނޑިޔާރު އަލްއުސްތާޛް ޢަލީ ރަޝީދު ޙުސައިން އަދި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްއެވެ.