Last Updated: July 17, 18:07
Friday, July 17, 2026
ދުނިޔެ

ގާޒާ އިން ޝަހީދުވި މީހުންގެ އަދަދު 10،000 އަށް

އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި ފަލަސްތީނުގެ ގާޒާ އިން ޝަހީދުވި މީހުންގެ އަދަދު 10،000 އަށް އަރައިފި އެވެ.

ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ބުނީ މި ހަމަލާތަކުގައި ގާޒާ އިން 10،022 މީހަކު ޝަހީދުވެފައިވާއިރު އޭގެތެރޭގައި 4،104 ކުޑަކުދިންނާއި 2،641 އަންހެނުން ހިމެނޭ ކަމަށެވެ. އަދި މި ހަމަލާތަކުގައި 25،000 އަށް ވުރެ ގިނަ މީހުންނަށް އެކި ވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށް މިނިސްޓްރީން ބުނެ އެވެ.

ގާޒާ އަކީ 2.3 މިލިއަން މީހުންގެ އާބާދީއެއް ދިރިއުޅެމުން އަންނަ ސިޓީއަކަށްވާ އިރު އދ. އިން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާ އިރު ހަނގުރާމައިގެ ސަބަބުން ގާޒާގެ 1.5 މިލިއަން މީހުން ވަނީ ގެދޮރު ދޫކޮށް ގޮސްފަ އެވެ.

އިޒްރޭލުގެ ގާޒާ އަށް ދެމުން އަންނަ ހަމަލާތައް ވަރުގަދަކުރަމުން އަންނައިރު، އިޒްރޭލުން އަންނަނީ އާންމުން ގިނަ އަދަދަކަށް ދިރިއުޅޭ ސަރަހައްދުތަކަށް އަމާޒުކޮށްގެން ހަމަލާތައް ދެމުންނެވެ. އެގޮތުން ހޮސްޕިޓަލުތައް ހުންނަ ސަރަހައްދުތަކާއި ރެފިއުޖީ ކޭމްޕުތަކާއި ސްކޫލްތަކަށް ފާއިތުވި ދުވަސްތަކުގައި އިޒްރޭލުން ވަނީ ހަމަލާތައް އަމާޒުކޮށްފަ އެވެ.

ހަނގުރާމަ ހުއްޓަން ބައެއް ގައުމުތަކުން ގޮވާލި ނަމަވެސް އިޒްރޭލަށް އެންމެ ބޮޑަށް ވާގިވެރިވާ އެމެރިކާ އިން ވަނީ މިއީ ހަނގުރާމަ ހުއްޓާލަންވީ ވަގުތު ނޫން ކަމަށް ބުނެފަ އެވެ. އަދި މިވަގުތު ހަނގުރާމަ ހުއްޓާލައިފި ނަމަ އެކަމުން ފައިދާ ވާނީ ހަމާސް ޖަމާއަތަށް ކަމަށް ވެސް އެމެރިކާ އިން ވަނީ ބުނެފަ އެވެ.