ފަލަސްތީނުގެ ގާޒާ، ކުޑަކުދިންގެ ގަބުރުސްތާނަކަށް ބަދަލުވަމުން އަންނަ ކަމަށް އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭސް ވިދާޅުވެއްޖެ އެވެ.
އިޒްރޭލުން ފަލަސްތީނަށް ހަމަލާތައް ދެމުން އަންނަތާ މަހެއް ވެފައިވާއިރު މި ހަމަލާތަކުގައި ފަލަސްތީނުގެ ގާޒާ އިން ވަނީ 10،000 މީހުން ޝަހީދުވެފަ އެވެ. އޭގެތެރެއިން 4،800 އަކީ ކުޑަކުދިންނެވެ.

ނޫސްވެރިންނާ ވާހަކަދައްކަވަމުން ގުޓެރޭސް ވިދާޅުވީ ކޮންމެ ދުވަހަކު ގާޒާ އިން އެތައް ސަތޭކަ ކުޑަ އަންހެން ކުދިންނާއި ފިރިހެން ކުދިން މަރުވެ އަދި އަނިޔާ ލިބެމުންދާ ކަމަށާއި ގާޒާ ވަމުން އަންނަނީ ކުޑަކުދިންގެ ގަބުރުސްތާނަކަށް ކަމަށެވެ. އަދި ފާއިތުވި އަހަރުތަކުގައި ހިނގި ހަމަނުޖެހުންތަކުގައި މަރުވާ ނުވާ ވަރަށް ފާއިތުވި ހަތަރު ހަފްތާ ތެރޭ ނޫސްވެރިން ވެސް މަރުވެފައިވާއިރު އދ. ގެ ގިނަ އަދަދެއްގެ އެހީ ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވާ މުވައްޒަފުން ވެސް މަރުވެފައިވާ ކަމަށް ގުޓެރޭސް ވިދާޅުވި އެވެ.
ހަނގުރާމަ ހުއްޓުމަކަށް ގެނައުމުގެ މުހިއްމުކަން އިންތިހާ އަށް ބޮޑުވެފައިވާކަން ފާހަގަކުރައްވަމުން ގުޓެރޭސް ވަނީ އެކަމަށް މަސައްކަތް ކުރުމަކީ ބައިނަލްއަގުވާމީ މުޖުތަމައުގެ ޒިންމާއެއް ކަމަށްވެސް ވިދާޅުވެފަ އެވެ.

ގުޓެރޭސް ދެއްކެވި ވާހަކަތަކާ ގުޅިގެން އިޒްރޭލުގެ ފޮރިން މިނިސްޓަރު މަންދޫބު އެލީ ކޯހެން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. ކޯހެން ވަނީ ގާޒާގައި އޮތް ހަމައެކަނި މައްސަލައަކީ އިޒްރޭލުން ހިންގާ ހަރަކާތްތައް ނޫން ކަމަށާއި މައްސަލައަކީ ހަމާސް ޖަމާއަތް ކަމަށެވެ. އަދި ގުޓެރޭސް ދެއްކެވި ލަދުވެތި ވާހަކަތަކެއް ކަމަށްވެސް ވިދާޅުވި އެވެ.