ފަލަސްތީނުގެ ގާޒާގައި ވަގުތީ ހޮސްޕިޓަލެއް ގާއިމުކުރަން ޔޫއޭއީ އިން ނިންމައިފި އެވެ.
އެ ގައުމުގެ ދައުލަތުގެ މީޑިއާ އިން ބުނީ ޔޫއޭއީގެ ރައީސް ޝައިޚް މުޙައްމަދު ބިން ޒައިދު އަލް ނަޙްޔާންގެ އެންގެވުމުގެ މަތިން ގާއިމުކުރާ މި ހޮސްޕިޓަލުގެ ބޭނުމަކީ ފަލަސްތީނު ރައްޔިތުންނަށް ސިއްހީ ފަރުވާ ފޯރުކޮށްދިނުން ކަމަށެވެ. މި ހޮސްޕިޓަލުގައި 150 އެނދު ހުންނައިރު އޮޕަރޭޝަންތައް ކުރެވޭނެ އިންތިޒާމުތައް ފަދަ ހުރިހާ ސިއްހީ ހިދުމަތެއް މި ހޮސްޕިޓަލުން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފަ އެވެ.
މި ހޮސްޕިޓަލު ގާއިމުކުރަން ބޭނުންވާ ސާމާނާއި އަދި ހޮސްޕިޓަލަށް ބޭނުންވާ ތަކެއްޗާއެކު ފަސް ކާގޯ ފްލައިޓް މިހާރު ވަނީ މިސްރަށް ގޮސްފަ އެވެ. އަދި މިސްރު މަގުން މި ތަކެތި ގާޒާ އަށް އެތެރެކުރަން ހަމަޖެހިފައިވާއިރު ޔޫއޭއީ އިން މިކަން ކުރަނީ އިޒްރޭލުގެ ހުއްދަ ލިބިގެން ކަމެއް ހާމަކޮށްފައެއް ނުވެ އެވެ.
އިޒްރޭލުގެ ގާޒާ އަށް ދެމުން އަންނަ ހަމަލާތައް ވަރުގަދަކުރަމުން އަންނައިރު، ގާޒާގެ ހޮސްޕިޓަލުތަކަށް އަމާޒުކޮށް ހަމަލާތައް ދިނުން ފާއިތުވި ދުވަސްތަކުގައި ވަނީ އިތުރުކޮށްފަ އެވެ. ގާޒާގެ ހޮސްޕިޓަލުތަކަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭން ތެޔޮ ބޭނުންވާއިރު އިޒްރޭލުން ވަނީ ގާޒާ އަށް ތެޔޮ އެތެރެކުރުން ވެސް މަނާކޮށްފަ އެވެ. ތެޔޮ ހުސްވުމުގެ ސަބަބުން މިހާރު ވެސް ގާޒާގެ 35 ހޮސްޕިޓަލުގެ ތެރެއިން 16 ހޮސްޕިޓަލެއް ވަނީ ބަންދުކޮށްފަ އެވެ. މީގެތެރޭގައި ގާޒާގައި ހިންގާ ހަމައެކަނި ކެންސަރު ހޮސްޕިޓަލު ވެސް ހިމެނެ އެވެ.
މިދިޔަ މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި ފަލަސްތީނުން މިހާތަނަށް ވަނީ 10،000 އަށް ވުރެ ގިނަ މީހުން ޝަހީދުވެފަ އެވެ. މީގެތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ.