މިހާރު ހުރީ ހުސްކޮށް ކަމަށާއި އެއްވެސް މީހަކާ ޑޭޓެއް ނުކުރާ ކަމަށް ބޮލީވުޑްގެ ބަތަލާ ތާރާ ސުތާރިއާ ބުނެފި އެވެ.
އޭނަ އާއި އެކްޓަރު އާދާރު ޖެއިން ކައިވެނިރަން އުޅޭ ވާހަކަ 2021 ގައި ވަރަށް ގަދައަށް ދެކެވިފައިވާ އިރު، ރިޕޯޓްތައް ބުނާ ގޮތުން އެ މީހުން ރުޅިވީ މި އަހަރުގެ ކުރީކޮޅު އެވެ. ތާރާ، 29، އާއި އާދާރު، 29، ރައްޓެހިވެގެން އުޅުނު ދުވަސްވަރު އެކި ފަހަރު މަތިން ރާއްޖެ އަށް ޗުއްޓީ އަށް ވެސް އައިސްފައިވެ އެވެ.
އާދާރަކީ މަޝްހޫރު ތަރިން ކަމަށްވާ ރަންބީރް ކަޕޫރާއި ކަރީނާ ކަޕޫރްގެ ކަޒިންއެކެވެ. އެކްޓަރަކަށް ވިޔަސް އޭނަ އަކީ މިހާތަނަށް ބޮލީވުޑުން މާ ބޮޑު ކުރިއެރުމެއް ހޯދިފައި ނުވާ މީހެކެވެ. އާދާރުގެ ފުރަތަމަ ފިލްމަކ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ 2017 ގެ "ގައިދީ ބޭންޑް" އެވެ. އޭނަގެ އެންމެ ފަހުގެ ފިލްމަކީ 2021 ގެ "ހެލޯ ޗާލީ" އެވެ. އަދި މިހާރު އަންނަނީ "އަންރިއަލް" ކިޔާ ފިލްމެއްގެ މަސައްކަތް ކުރަމުންނެވެ.
ތާރާ ބޮލީވުޑަށް ނުކުތީ 2019 ގެ "ސްޓޫޑެންޓް އޮފް ދި އިޔާ 2" އިންނެވެ. އޭނަގެ ކުރިއަށް އޮތް ފިލްމަކީ މި މަހުގެ 15 ގައި ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ޕްރީމިއާކުރަން ހަމަޖެހިފައިވާ "އަޕޫރްވާ" އެވެ.
މިހާރު ހުރީ ސިންގަލްކޮށް ކަމަށް ތާރާ ބުނެފައިވާ އިރު، ދާދި ފަހުން ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އޭނަ އާއު ކާތިކް އާރިއަން މިހާރު އުޅެނީ ރައްޓެހިވެގެންނެވެ. އެގޮތުން މިދިޔަ ހަފުތާގެ ތެރޭގައި އެ ދެ މީހުން އެކީގައި ރޭގަނޑުގެ ކެއުމަކަށް ފަހު، ރެސްޓޯރަންޓަކުން އެކީގައި ނުކުންނަނިކޮށް ވެސް ފެނިފައިވެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ކާތިކް ސޮއިކޮށްފައި އޮތް "އާޝިގީ 3" ގެ ބަތަލާ އަކީ ވެސް ތާރާ އެވެ.