Last Updated: July 17, 18:07
Friday, July 17, 2026
ދުނިޔެ

މިސްޓަބީސްޓްގެ ހަރަދުގައި 100 ފެންވަޅު

"މިސްޓަބީސްޓް" ގެ ނަމުން މަޝްހޫރު އެމެރިކާގެ ޔޫޓިއުބާ، ޖިމީ ޑޮނަލްޑްސަން އެފްރިކާގައި 100 ފެންވަޅު ގާއިމުކޮށް ދީފި އެވެ.

ސާފު ބޯފެން ލިބުމުގެ ދަތިކަން ތަހައްމަލުކުރާ ގިނަ ބަޔަކު އުޅޭ އެ ސަރަހައްދުގެ އެކި ގައުމުތަކުގައި 100 ފެންވަޅު ގާއިމުކޮށްދިން ވާހަކަ މިސްޓްބީސްޓް ސޯޝަލް މީޑިއާގައި ވެސް ހިއްސާކޮށްފައިވެ އެވެ. އޭނަ ފެންވަޅު ގާއިމުކޮށް ދިން ގައުމުތަކުގެ ތެރޭގައި ކެމެރޫން، ކެންޔާ، ސޮމާލިއާ، ޔުގަންޑާ އަދި ޒިމްބާބުބޭ ހިމެނެ އެވެ.

އިންސާނިއްޔަތަށްޓަކައި މިސްޓްބީސްޓް ހިންގި މި މަޝްރޫއުގެ ސަބަބުން ސާފުބޯފެން ލިބުމުގެ ދަތިކަން ކުރިމަތިވެފައިވާ 500،000 އެއްހާ މީހުންނަށް ފެން ލިބުމުގެ ފުރުސަތު ފަހިވެގެން ދާނެ އެވެ.

މިކަމާ ގުޅިގެން ވަރަށް ގިނަ ބައެއްގެ ތައުރީފު މިސްޓަބީސްޓަށް ލިބިފައިވެ އެވެ. އަދި އޭނަ އަށް ޝުކުރު އަދާކޮށް ކެންޔާގެ ބައެއް ނޫސްވެރިންނާއި އެކްޓިވިސްޓުން ބުނެފައިވާ ގޮތުގައި އާންމު ފަރުދަކު އިންސާނިއްޔާތަށްޓަކައި ކޮށް ދިން މި މަސައްކަތުގެ ސަބަބުން ހާމަކޮށް ދެނީ އެ ގައުމުގެ ސަރުކާރުގެ ނުކުޅެދުންތެރިކަމެވެ.

މިސްޓަބީސްޓް، 25، އަކީ މީގެ ކުރިން ވެސް އިންސާނިއްޔަތަށްޓަކައި ތަފާތު އެހީތައް ފޯރުކޮށް ދީފައިވާ މީހެކެވެ. އެގޮތުން މި އަހަރުގެ ކުރީކޮޅު އޭނަ ވަނީ "ގިފްޓް އޮފް ސައިޓް" ގެ ނަމުގައި ހިންގި ޕްރޮގްރާމެއްގައި ލޯފަން 1،000 މީގެ އޮޕަރޭޝަން އަމިއްލަ ހަރަދުގައި ކޮށް ދީފަ އެވެ. މި އެހީ ލިބުނު މީހުންގެ ތެރޭގައި ޖެމެއިކާ، ހޮންޑިއުރަސް، އިންޑޮނީޝިއާ، ނެމީބިއާ، ކެންޔާ، މެކްސިކޯ ބްރެޒިލް އަދި ވިއެޓްނާމް މީހުން ހިމެނެ އެވެ.

މީގެ އިތުރުން ފައި ބުރިކޮށްފައިވާ 2،000 މީހަކަށް މިސްޓަބީސްޓް ޕްރޮސްތެޓިކް ފައި ވެސް ގަނެދީ ދީފައިވެ އެވެ.

މިދިޔަ އަހަރު ރާއްޖެ ވެސް އައި މިސްޓަބީސްޓްގެ މިލްކިއްޔާތު 100 މިލިއަން ޑޮލަރަށް އަރަ އެވެ.