ބޮލީވުޑްގެ ތަރި، ސިދާތު މަލްއުތުރާގެ އެކްޝަން ތުރިލާ "ޔޯދާ' އަންނަ އަހަރަށް ފަސްކޮށް، ފިލްމުގެ އާ ޕޯސްޓަރުތަކެއް ދައްކާލައިފި އެވެ.
ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަންގެ މި ފިލްމު އަންނަ އަހަރުގެ މާޗް 15 އަށް ފަސްކުރި އިރު، މި ފިލްމު ކުރިން ބެލުންތެރިންނަށް ގެނެސްދޭން އޮތީ އަންނަ މަހުގެ ތެރޭގަ އެވެ. ނަމަވެސް ޑިސެމްބަރުގައި ބޮޑެތި ފިލްމުތަކެއް އަންނަން ހުރުމާއި ތާރީހެއް ކަނޑައެޅުން ދަތިކަމަކަށްވުމުން އަންނަ އަހަރަށް ފިލްމު ފަސްކުރީ އެވެ.
"ޔޯދާ" އަކީ ސާގަރް އަމްބްރޭ އާއި ޕުޝްކާރް އޮޖާ ޑައިރެކްޓްކޮށްފައިވާ އެއްޗެކެވެ. މީގައި ސިދާތާ އެކީ ބަތަލާއިންގެ ރޯލުން ފެންނާނީ ޑިޝާ ޕަޓާނީ އާއި ދެކުނުގެ ބަތަލާ ރާޝީ ކަންނާ އެވެ. އަދި "ޔޯދާ" ގެ ރޯލަކުން ސުނިލް ޝެޓީ ވެސް ފެންނާނެ އެވެ.
ބަތަލާ ކިއާރާ އަދުވާނީގެ ފިރިމީހާ ސިދާތު އެންމެ ފަހުން ފެނިފައި ވަނީ މި އަހަރުގެ ޖެނުއަރީ 20 ނެޓްފްލިކްސް އިން ޕްރީމިއާކުރި ސްޕައި ތުރިލާ "މިޝަން މަޖުނޫ" އިންނެވެ. ސިދާތު ބޮލީވުޑަށް ނުކުތީ ކަރަން ޑައިރެކްޓްކުރި 2012 ގެ "ސްޓޫޑެންޓް އޮފް ދި އިޔާ" އިންނެވެ. އެ ފިލްމަކީ އާލިއާ ބަޓާއި ވަރޫން ދަވަން ވެސް ތައާރަފުވި ފިލްމެވެ.
އަންނަ އަހަރުގެ މާޗްގައި "ޔޯދާ" ބެލުންތެރިންނަށް ދޫކޮށްލަން ނިންމި އިރު، ސިދާތުގެ ފުރަތަމަ ވެބް ސީރީޒް ޑައިރެކްޓަރު ރޯހިތު ޝެޓީގެ "އިންޑިއަން ޕޮލިސް ފޯސް" އަންނަ އަހަރުގެ ޖެނުއަރީ 19 ގައި އެމެޒޯން ޕްރައިމް ވީޑިއޯ ޕްރީމިއާކުރަން ހަމަޖެހިފައިވެ އެވެ.