ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ކުރިއަށް ނުގެންދެވި އެތަނުގެ މަސައްކަތް ހުއްޓިފައި އޮތް މައްސަލަ އިންޓަ- ޕާލަމެންޓްރީ ޔޫނިއަން (އައިޕީޔޫ) ގެ ސަމާލުކަމަށް ގެނެސްފި އެވެ.
މަޖިލިސް ހުއްޓިގައި އޮތީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން މެޖޯރިޓީ ޕާޓީން ހުށަހެޅުމާ ގުޅިގެންނެވެ. އެގޮތުން މިދިޔަ މަހު 49 މެންބަރަކު ސޮއިކުރައްވައި ހުށަހެޅި މައްސަލައާ ގުޅިގެން އެޖެންޑާކުރި އެއްވެސް ޖަލްސާއެއް ބޭއްވިފައެއް ނުވެ އެވެ.
އެއީ އިތުބާރު ނެތްކަމުގެ މައްސަލައިހެ ޖަލްސާތައް ކުރިއަށް ގެންދެވެން އޮތީ ނައިބު ރައީސް ރިޔާސަތުގައި އިންނަވައިގެން ކަމަށްވާތީ އެވެ. ނަމަވެސް އެ މަގާމުގައި ހުންނަވާ ނަޝީދަށް ބޮޑުބޭބެ ވިދާޅުވާ އީވާ އަބްދުﷲ ވަނީ ޖަލްސާގެ ރިޔާސަތު ބަލަހައްޓަން އުޒުރުވެރިވެވަޑައިގަންނަވާކަން މިދިޔަ އާދީއްތަ ދުވަހަށް ޖަލްސާއާ ގުޅިގެން އަންގަވައިފަ އެވެ.
އޭގެ ކުރިން އީވާ ވަނީ ޑެންގީ ޖެހިގެން ކަމަށް ވިދާޅުވެ، މަޖިީހަށް ސަލާން ފޮނުއްވައިފަ އެވެ.
ނަޝީދުގެ އިތުބާރުގެ މައްސަލަ އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހެޅުމާ ގުޅިގެން، އެ މައްސަލައިގެ ފުރަތަމަ އަޑު އެހުން އިއްޔެ ބާއްވާފައިވެ އެވެ.
މަޖިލިސް ހުއްޓިފައި އޮތް މައްސަލަ އައިޕީޔޫގެ ސަމާލު ކަމަށް ގެނައި ނަމަވެސް މިކަމާ ގުޅޭ އިތުރު ތަފުސީލެއް އަދި ނުލިބެ އެވެ.