Last Updated: July 23, 18:20
Thursday, July 23, 2026
މުނިފޫހިފިލުވުން

ސަންޖޭގެ ދަރިފުޅު މި ފަހަރު ފުށިފަރުގައި

ބޮލީވުޑްގެ އެކްޓަރި ސަންޖޭ ކަޕޫރްގެ ދަރިފުޅު ޝަނާޔާ ކަޕޫރް ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެ އެވެ.

އުމުރުން 22 އަހަރުގެ ޝަނާޔާ ޗުއްޓީ ހޭދަކުރަމުން އަންނަނީ ފުށިފަރު މޯލްޑިވްސްގަ އެވެ. އޭނަ މި އަހަރުގެ މާޗްގައި ވެސް ރާއްޖެ އަ އެވެ. އެ ފަހަރު ހުރީ ޖޯލި މޯލްޑިވްސް ގަ އެވެ.

ޝަނާޔާ އަކީ ފިލްމީ ތަރިން ކަމަށްވާ ސޯނަމް ކަޕޫރާއި އަރުޖުން ކަޕޫރާއި ޖާންވީ ކަޕޫރުގެ ކަޒިންއެކެވެ. ޝަނާޔާގެ ބައްޕަ ސަންޖޭ އަކީ ސޯނަމްގެ ބައްޕަ އަނިލް ކަޕޫރާއި އަރުޖުން އާއި ޖާންވީގެ ބައްޕަ ބޯނީ ކަޕޫރްގެ ކޮއްކޮ އެވެ.

ޝަނާޔާ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންނަ އިރު، އޭނަގެ މަންމަ މަހީޕް ކަޕޫރް ވެސް މިދިޔަ އަހަރު ރާއްޖެ އަ އެވެ. އެއީ ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނާއި ނެޓްފްލިކްސް ގުޅިގެން ގެނެސްދިން ސީރީޒް "ފެބިއުލަސް ލިވްސް އޮފް ބޮލީވުޑް ވައިވްސް" ގެ ދެވަނަ ސީޒަންގެ ޝޫޓިންއަށެވެ.

ޝަނާޔާ ޗުއްޓީ އަށް ރާއްޖެ އައި އިރު، އޭނަ ގެންދަނީ އިންޑިއާގެ މަޝްހޫރު މަލަޔާޅަމް އެކްޓަރު މޯހަންލާލްގެ ފިލްމު "ރުޝާބާ" ގެ މަސައްކަތް ވެސް ކުރަމުންނެވެ. އޭނަގެ ފުރަތަމަ ފިލްމުގެ ގޮތުގައި އިއުލާންކުރީ ދަރުމާގެ 2021 ގެ "ބޭދަޅަކް" އެވެ. ކާސްޓްގައި ލަކްޝް ލަލްވާނީ އާއި ގުރްފަތޭ ޕިރުޒާދޭ ހިމެނޭ ގޮތަށް އިއުލާންކުރި މި ފިލްމަކީ ޑައިރެކްޓަރު ޝިޝާންކް ކައިތާންގެ އެއްޗެކެވެ.

ނަމަވެސް "ބޭދަޅަކު" އޮތީ ހުއްޓިފަ އެވެ. މިއާ ބެހޭ އެއްވެސް މައުލޫމާތެއް ފަހުން ދަރުމާ އިން ނުދެ އެވެ.

ޝަނާޔާ ބެސްޓް ފްރެންޑުންގެ ތެރޭގައި ރާއްޖޭގައި މިދިޔަ ހަފުތާގައި އުފަން ދުވަސް ފާހަގަކުރި ބަތަލާ އަނަންޔާ ޕާންޑޭ އާއި ޝާހްރުކް ޚާންގެ ދަރިފުޅު ސުހާނާ ޚާން ހިމެނެ އެވެ.