ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ނުދާތީ އެކަމުގައި އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ އެ ކޯޓަށް ނުބެލޭނެ ކަމަށް ޑިމޮކްރެޓްސްގެ ވަކީލް އަބްދުﷲ ޝާއިރު ވިދާޅުވެއްޖެއެވެ.
މި މައްސަލައިގައި އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލައިގައި މިއަދު ކުރިއަށްދިޔަ އަޑުއެހުމުގައި ވާހަކަ ދައްކަވަމުން ޑިމޮކްރެޓްސްގެ ވަކީލް ޝާއިރު ވިދާޅުވީ މި މައްސަލައަކީ ސުޕްރީމް ކޯޓުގެ އަސްލީ އިހުތިސޯސް ލިބިގެން ނުވާ މައްސަލައެއް ކަމަށެވެ.
އެގޮތުން ގާނޫނު އަސާސީގައި އެހެން ގޮތަކަށް ބަޔާން ކޮށްފައި ނުވާހާ ހިނދަކު ރައްޔިތުންގެ މަޖިލީހުގެ އެއްވެސް ކަމެއް ހިނގި ގޮތުގެ ސައްހަކަން ބެލުމަށް އެއްވެސް ކޯޓަކަށް މައްސަލައެއް ހުށަނޭޅޭނެ ކަމަށް ޤާނޫނުއަސާސީގައި ބުނާ މާއްދާއަށް ހަވާލާ ދެއްވިއެވެ. އަދި މަޖިލީހުން ފާސްކުރާ ގަރާރަކުން މެނުވީ ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފައެއް ހޯދުމަށް ހުށަނޭޅޭނެކަމަށް ބުނާ މާއްދާއަށްވެސް ހަވާލާ ދެއްވިއެވެ.
މީގެއިތުރުން ވާހަކަ ދައްކަވަމުން ޑިމޮކްރެޓްސްގެ ވަކީލް ޝާއިރު ވިދާޅުވީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ އަދި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ހުށަނޭޅޭ ކަމަށާއި އެހެންކަމުން މަޖިލީހުގެ ގަވައިދުގެ 205 މާއްދާގެ (ރ)ގައި ބަޔާން ކުރާ ހާލަތު ނާންނަ ކަމަށެވެ. އެހެންކަމުން މަޖިލީހުގައި މިހާރުވެސް އެހެން މަސައްކަތްތައް ކުރިއަށް ގެންދެވޭނެކަމަށް ކަނޑައަޅައި ދިނުމަށް އެދިފައިވެއެވެ.
އެމްޑީޕީން ރައްޔިތުންގެ މަޖިލީހުގެ އިދާރާއާ ދެކޮޅަށް ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލައިގެ އަޑުއެހުންތައް މިހާރު ވަނީ ނިންމާލާފައެވެ. މި މައްސަލައިގެ ތެރެއަށް 3 ފަރާތަކުން ތަދައްޚުލުވެފައިވެއެވެ. އެއީ ޕީޕީއެމް، ޕީއެންސީ އަދި ދަ ޑިމޮކްރެޓްސްގެ ފަރާތުންނެވެ.
ސުޕްރީމް ކޯޓުގައި މި މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ހިމެނެނީ ފަނޑިޔާރު އަލްއުސްތާޛް މަޙާޒު ޢަލީ ޒާހިރު، ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު، ފަނޑިޔާރު އަލްއުސްތާޛް ޙުސްނުއްސުޢޫދު، ފަނޑިޔާރު އަލްއުސްތާޛް ޢަލީ ރަޝީދު ޙުސައިން އަދި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްއެވެ.