Last Updated: May 3, 22:15
Saturday, May 3, 2025
ޚަބަރު

މައްސަލައާ ގުޅިގެން އަމީންއާންމު ދެއްވަނީ 4 ހައްލެއް

މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިއުޝާ-

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ނުގޮސް މަޑުޖެހިފައި އޮތް މައްސަލައަށް ހައްލު ހޯދެން އޮތް ގޮތްތައް މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިއުޝާ މިއަދު ސުޕްރީމް ކޯޓުގައި ހާމަކުރައްވައިފިއެވެ.

އެމްޑީޕީން ހުށަހަޅާފައިވާ ދުސްތޫރީ މައްސަލައިގެ އަޑުއެހުން މިއަދުވެސް ކުރިއަށްގެންދިޔައިރު މިއަދުގެ އަޑުއެހުމުގައި ވާހަކަ ދައްކަވަމުން މަޖިލީހުގެ އަމީން އާންމު ނިއުޝާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި އަމަލުކުރާނެ ގޮތެއް ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައި ކަނޑައަޅާފައިވަނިކޮށް އެ ހާއްސަ އިޖުރާއަތާ ދުރަށްގޮސް އާންމު އިޖުރާއަތުގެ ދަށުން މަޖިލީހުގެ ގަވައިދުގެ 44 ވަނަ މާއްދާގެ ދަށުން ރިޔާސަތު ބަލަހައްޓާނެ މީހަކު ކަނޑައެޅުމަކީ މަޖިލީހުގެ އިދާރާއަށް ލިބިގެންވާ ބާރެއް ނޫންކަމަށެވެ.

"އެ އޮތޯރިޓީ ލިބިގެންވަނީ ޤާނޫނުއަސާސީގެ 70 ވަނަ މާއްދާގެ ދަށުން އެކުލަވާލާފައިވާ ރައްޔިތުންގެ މަޖިލީހަށް." ނިއުޝާ ވިދާޅުވިއެވެ.

މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުގެ ޖަލްސާއަކަށް އަދި ހުށަހެޅިފައިނުވާކަން ފާހަގަކޮށް ނިއުޝާ ވިދާޅުވީ މިހާރު ދިމާވެފައިވާ މައްސަލައަށް މަޖިލީހުގެ ނިޒާމުގެ ތެރެއިން ރައްޔިތުންގެ މަޖިލީހަށް ހައްލު ކުރެވިދާނެ މައްސަލައެއް ކަމަށް މަޖިލީހުގެ އިދާރާއިން ދެކޭ ކަމަށެވެ.

މި މައްސަލަ ހައްލު ކުރެވިދާނެ ހަތަރު ގޮތެއް ނިއުޝާ ވަނީ ހުށަހަޅުއްވާފައެވެ. އެގޮތްތަކަކީ:
1) މަޖިލީހުގެ ގަވާއިދުގެ 108 ވަނަ މާއްދާގެ (ށ) ދަށުން މަޖިލީހުގެ އާންމު ކޮމިޓީގެ އަމިއްލަ އިސްނެންގެވުމުގެ މަތިން ގަވާއިދަށް ގެންނަ އިސްލާހެއް ގެންނެވުމަށްފަހު ގޮތެއް ނިންމުމަށް މަޖިލީހުގެ ތަޅުމަށް ފޮނުވުން،
2) މަޖިލީހުގެ ގަވާއިދުގެ 167 ވަނަ މާއްދާގެ ދަށުން މަޖިލީހުގެ ހިންގުމުގެ އުސޫލަށް ބަދަލު ގެނައުމަށް މަޖިލީހުގެ މެމްބަރަކު މަޖިލީހަށް ގަރާރެއް ހުށަހެޅުން ؛ އެހެނަނަމަވެސް މިވަގުތު މިކަމަކީ ގިނަ ވަގުތު ހޭދަވާނެ ފަދަ ކަމަކަށް ވާނެތީ މިއީ އެންމެ އެކަށޭނަ ހައްލަށް ނުވެދާނެކަން ފާހަގަކުރެއްވި،
3) މަޖިލީހުގެ ގަވާއިދުގެ 249 މާއްދާގެ (ށ) ގެ ދަށުން މަޖިލީހުގެ ގަވާއިދަށް ގެންނަން ފެންނަ އިސްލާހު މައްސަލައެއްގެ ގޮތުގައި ހުށަހެޅުން ؛ މިހާރު ވެސް އެފަދަ މައްސަލައެއް އޮތްކަން ފާހަގަކޮށް ނިއުޝާ ވިދާޅުވީ އެ މައްސަލަ އެޖެންޑާކުރަން ނައިބު ރައީސްގެ ކިބައިން އެދިފައިވާނެ ކަމަށް،
4) މަޖިލީހުގެ ގަވާއިދުގެ 205 މާއްދާގައި މިހާލަތުގައި އަމަލުކުރާނެ ގޮތެއް ނެތުމުން، 250 ވަނަ މާއްދާގެ ދަށުން ގަވައިދުގައި ބަޔާންކޮށްފައި ނުވާކަމެއް ދިމާވެއްޖެކަމަށް ބަލާ، އެ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހުން ގޮތެއް ނިންމުން، މިއެވެ.

އެމްޑީޕީން ރައްޔިތުންގެ މަޖިލީހުގެ އިދާރާއާ ދެކޮޅަށް ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލައިގެ އަޑުއެހުންތައް މިހާރު ވަނީ ނިންމާލާފައެވެ. މި މައްސަލައިގެ ތެރެއަށް 3 ފަރާތަކުން ތަދައްޚުލުވެފައިވެއެވެ. އެއީ ޕީޕީއެމް، ޕީއެންސީ އަދި ދަ ޑިމޮކްރެޓްސްގެ ފަރާތުންނެވެ.

ސުޕްރީމް ކޯޓުގައި މި މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ހިމެނެނީ ފަނޑިޔާރު އަލްއުސްތާޛް މަޙާޒު ޢަލީ ޒާހިރު، ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު، ފަނޑިޔާރު އަލްއުސްތާޛް ޙުސްނުއްސުޢޫދު، ފަނޑިޔާރު އަލްއުސްތާޛް ޢަލީ ރަޝީދު ޙުސައިން އަދި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްއެވެ.