ކުރިއަރ އަދި ޕޯސްޓް މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު 2.3 ކިލޯގްރާމުގެ ޑްރަގްސް ކަސްޓަމްސްއިން އަތުލައިގެންފިއެވެ.
ކަސްޓަމްސްއިން ބުނެފައިވަނީ މި މަސްތުވާތަކެތި އަތުލައިގަނެފައިވަނީ ސެޕްޓެމްބަރު އަދި އޮކްޓޫބަރު މަހުގެ ތެރޭގައި ކަމަށެވެ.
އެގޮތުން ކުރިއަރ އަދި ޕޯސްޓް މެދުވެރިކޮށް ރާއްޖެއަށް ގެނެސްފައިވާ ޕާރުސަލުތަކެއް ބަލައިފާކުރުމުގެ ތެރޭގައި ޝައްކު ކުރެވޭ ޒާތުގެ ބާވަތްތަކެއް ހުރުމުން އިތުރަށް ބަލާ ފާސްކުރުމުގެ ތެރޭގައި މި މަސްތުވާތަކެތި ފެނުނުކަން ކަސްޓަމްސްއިން ފާހަގަކޮށްފައިވެއެވެ.
ކަސްޓަމްސްއިން ބުނެފައިވަނީ ތަފާތު ފަސް މައްސަލައެއްގައި މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ތަކެތި ފެނިފައިވާ ކަމަށާއި، އަދި ހަތަރު މައްސަލައެއްގައި ފެނިފައިވާ ތަކެތި ފުރަތަމަ މަރުހަލާފައި ކަސްޓަމްސްއިން ތަހުލީލު ކުރުމުން މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ސިންތެޓިކް ކެތިނޯންއަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އަދި އެއް މައްސަލަައިގައި ފެނިފައިވާ ތަކެތި ފުރަތަމަ މަރުހަލާގައި ތަހުލީލުކުރުމުން މެފެޑްރޯންއަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.
މި ފަސް މައްސަލައިގައި އަތުލައިގަތް މަސްތުވާތަކެތީގެ ޖުމުލަ ބަރުދަނުގައި 2.389 ކިލޯގްރާމް ހުރި ކަމަށް ކަސްޓަމްސްއިން މައުލޫމާތުދެއެވެ. އަދި މި މައްސަލަތައް އިތުރަށް ތަހުގީގު ކުރުމަށްޓަކައި ފުލުހުންނާ ހަވާލު ކުރެވިފައިވާ ކަމަށްވެސް ބުނެފައިވެއެވެ.