ބޮލީވުޑްގެ ކުރީގެ މަޝްހޫރު ބަތަލާ ޒީނަތު އަމަން ލޮލުގެ އޮޕަރޭޝަނެއްކޮށްފި އެވެ.
މި ވާހަކަ އޭނަ ވަރަށް ތަފުސީލުކޮށް އިންސްޓަގްރާންގައި ހިއްސާކޮށްފައިވެ އެވެ. ޒީނަތު ބުނި ގޮތުގައި މީގެ އަހަރުތަކެއް ކުރިން ފެށިގެން އޭނަގެ ކާނަތު ލޮލަށް ދިމާވި ސިއްހީ މައްސައަކާ ގުޅިގެން ލޮލުގެ ފެނުމަށް ވެސް އަސަރުކޮށްފައިވެ އެވެ. އަދި އެ އުނދަގޫ ތަހަމައްލުކުރަމުންދާތާ އެތައް ދުވަހުން ސާޖަރީއެއް ހަދާފައިވާ ކަމަށާއި އޭގެ ސަބަބުން ވަރަށް ބޮޑު ލުއެއް ލިބިފައިވާ ކަމަށް 70 ގެ ތެރޭގައި ހިންދީ ސިނަމާގައި އެންމެ ވިދި ބަތަލާއިންގެ ތެރޭގައި ހިމެނޭ މިހާރު އުމުރުން 71 އަހަރުގެ ޒީނަތު ބުންޏެވެ.
ފިލްްމު ކުޅުނު ރަންޒަމާނުގައި ޒީނަތު މަޝްހޫރުވީ "ފެޝަން އައިކަންއެއް" ގެ ގޮތުގަ އެވެ. އެގޮތުން ބަތަލާއިންގެ ގްލެމާ އެންމެ ހިންދީ ސިނަމާ އަށް ގެނައުމުގެ ޝަރަފު ގިނަ ބަޔަކު ޒީނަތާ ގުޅުވަ އެވެ. އޭނަގެ ކެރިއަރުގައި ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވެ އެވެ. އަދި އެންމެ މަޝްހޫރު އެކްޓަރުންނާއި ޑައިރެކްޓަރުންނާ އެކީ މަސައްކަތްކޮށްފައިވެ އެވެ.
މިހާރު ވެސް މަދުމަދުން ފިލްމީ މަސައްކަތްތައް ކުރަމުން އަންނަ ބަތަލާ މިހާރު އަންނަނީ މަޝްހޫރު ފެޝަން ޑިޒައިނަރު މަނީޝް މަލްއުތުރާ ޕްރޮޑިއުސްކުރާ ފިލްމެއްގެ މަސައްކަތް ކުރަމުންނެވެ. "ބަން ޓިއްކީ" ކިޔާ މި ފިލްމުގެ ކާސްޓްގައި ޝަބާނާ އާޒްމީ އާއި އަބޭ ޑިއޯލް ވެސް ހިމެނެ އެވެ.
މިހާރު އިންސްޓަގްރާމްގައި ވަރަށް އެކްޓިވްކޮށް އުޅޭ ޒީނަތު އެންމެ ފަހުން ފެނިފައި ވަނީ 2019 ގެ ފިލްމު "ޕާނިޕަތު" ގެ ރޯލަކުންނެވެ. މިދިޔަ މަހުގެ ތެރޭގައި ޒީނަތު، ޒުވާން ބަތަލާ ޖާންވީ ކަޕޫރާ އެކީ ފޯނު އިޝްތިހާރެއް ކުޅެފައިވެ އެވެ.