Last Updated: July 23, 18:20
Thursday, July 23, 2026
މުނިފޫހިފިލުވުން

ވިކީ އަކީ އަސްކަރީ ލީޑަރެއް

އިންޑިއާގެ ކުރީގެ އަސްކަރީ ލީޑަރެއްގެ ރޯލު، ބޮލީވުޑްގެ ތަރި ވިކީ ކޯޝަލް ކުޅެފައިވާ ބައޮގްރަފިކަލް ހަނގުރާމަ ފިލްމު "ސޭން ބަހާދޫރު" ގެ ޓްރެއިލާ މިއަދު ދައްކާލައިފި އެވެ.

އަންނަ މަހުގެ 1 ގައި ސިނަމާތަކަށް ގެންނަން ހަމަޖެހިފައިވާ މި ފިލްމުގައި ބަތަލާ ކެޓްރީނާ ކައިފްގެ ފިރިމީހާ ކުޅެފައި ވަނީ އިންޑިއާ އާއި ޕާކިސްތާނާ ދެމެދު 1971 ގައި ކުރި ހަނގުރާމައިގެ ދުވަސްވަރު އިންޑިއާގެ އަސްކަރިއްޔާގެ ވެރިޔާގެ މަގާމުގައި ހުރި ސޭމް ބަހާދޫރްގެ ރޯލެވެ.

މި ފިލްމަކީ 2018 ގެ "ރާޒީ" އަށް ފަހު ޑައިރެކްޓަރު މެގްނާ ގުލްޒާރާ އެކީ ވިކީ މަސައްކަތްކުރި ދެވަނަ ފިލްމެވެ.

"ސޭމް ބަހާދޫރު" ގެ ކާސްޓްގައި ފާތިމާ ސަނާ ޝެއިހް، ސާނިއާ މަލްއުތުރާ، ނީރަޖް ކަބީ އަދި ގޯވިންދު ނަމްދޭވް ހިމެނެ އެވެ.

މި ފިލްމު ރިލީޒްކުރަން އޮތް ތާރީހަކީ ރަންބީރް ކަޕޫރްގެ ޑާކް ތުރިލާ "އެނިމަލް" ވެސް ސިނަމާތަކަށް ގެންނަން އޮތް ދުވަހެވެ. އެހެންވެ ދެ ފިލްމުގެ ވާދަވެރިކަން ބޮޑުވާނެ ކަމަށް ބެލެވެ އެވެ. ނަމަވެސް މިއީ ޖޯންރާގެ ގޮތުން ވަރަށް ތަފާތު ދެ ފިލްމެވެ.

ވިކީގެ "ސޭމް ބަހާދޫރު" އަންނަ މަހު ބެލުންތެރިންނަށް ދޫކޮށްލާ އިރު، އަންހެނުން ކެޓްރީނާގެ ކުރިއަށް އޮތް ފިލްމަކީ މި މަހުގެ 12 ގައި ރިލީޒްކުރާ ސަލްމާން ޚާންގެ "ޓައިގާ 3" އެވެ.