ފަލަސްތީނުގެ ގާޒާ އަށް ސިއްހީ ސާމާނާއެކު ދިޔަ އިންޓަނޭޝަނަލް ކޮމިޓީ އޮފް ދަ ރެޑް ކްރޮސް (އައިސީއާރްސީ) ގެ އުޅަނދުތަކަށް އިޒްރޭލުން ހަމަލާތަކެއް ދީފި އެވެ.
އައިސީއާރްސީން ބުނީ އިޒްރޭލުން ހަމަލާ ދީފައިވަނީ ގާޒާ އަށް ސިއްހީ ސާމާނާއެކު ދިޔަ ފަސް ޓްރަކަކަށް ކަމަށާއި އެ ސާމާނުތަކަކީ ގާޒާގެ ސިއްހީ ފަރުވާގެ ހިދުމަތްދޭ ތަންތަނަށް މިވަގުތުން ވަގުތަށް ބޭނުންވާ ތަކެތި ކަމަށެވެ. މި ހަމަލާގައި ދެ ޓްރަކް ހަލާކުވެފައިވާއިރު އެ ޑްރައިވަރަކަށް ކޮންމެވެސް ވަރަކަށް އަނިޔާތަކެއް ވަނީ ލިބިފަ އެވެ.
ގާޒާގައި ހަރަކާތްތެރިވަމުންދާ އައިސީއާރްސީގެ ވަފްދުގެ އިސްވެރިޔާ ވިލިއަމް ސްކޮމްބާގް ވިދާޅުވީ އައިސީއާރްސީން ގާޒާ އަށް އައީ އާންމުންނަށް ބޭނުންވާ އެހީތައް ފޯރުކޮށްދިނުމަށް ކަމަށާއި ސިއްހީ ފަރުވާދޭ ތަންތަނަށް ބޭނުންވާ ސާމާނުތައް ފޯރުކޮށްދީ އެކަން ކަށަވަރުކުރުމަކީ ބައިނަލްއަގުވާމީ މުއާހަދާތަކުން މަޖުބޫރުކުރާ ކަމެއް ކަމަށެވެ. ނަމަވެސް ގާޒާގެ މިވަގުތު ހާލަތު ހުރީ އިންސާނީ އެހީ ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވާ ފަރާތްތަކަށް މަސައްކަތް ކުރެވޭނެ ފަދަ ހާލަތެއްގައި ނޫން ކަމަށްވެސް ވިދާޅުވި އެވެ.
އިޒްރޭލުގެ ގާޒާ އަށް ދެމުން އަންނަ ހަމަލާތައް ވަރުގަދަކުރަމުން އަންނައިރު، ގާޒާގެ ހޮސްޕިޓަލުތަކަށް އަމާޒުކޮށް ހަމަލާތައް ދިނުން ފާއިތުވި ދުވަސްތަކުގައި ވަނީ އިތުރުކޮށްފަ އެވެ. ގާޒާގެ ހޮސްޕިޓަލުތަކަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭން ތެޔޮ ބޭނުންވާއިރު އިޒްރޭލުން ވަނީ ގާޒާ އަށް ތެޔޮ އެތެރެކުރުން ވެސް މަނާކޮށްފަ އެވެ. ތެޔޮ ހުސްވުމުގެ ސަބަބުން މިހާރު ވެސް ގާޒާގެ 35 ހޮސްޕިޓަލުގެ ތެރެއިން 16 ހޮސްޕިޓަލެއް ވަނީ ބަންދުކޮށްފަ އެވެ. މީގެތެރޭގައި ގާޒާގައި ހިންގާ ހަމައެކަނި ކެންސަރު ހޮސްޕިޓަލު ވެސް ހިމެނެ އެވެ.
މިދިޔަ މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި ފަލަސްތީނުން މިހާތަނަށް ވަނީ 10،000 އަށް ވުރެ ގިނަ މީހުން ޝަހީދުވެފަ އެވެ. މީގެތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ.